އުތެމަ ޖަމްއިއްޔާއަކީ އިސްލާމްދީން ޤަބޫލުނުކުރާ ދިވެހިން ދިފާއުކޮށް ވާހަކަ ދައްކާ ޖަމްއިއްޔާއެއްކަމަށް ބުނެ ރާއްޖެ ޓީވީން ގެނެސްދިން ޚަބަރަކާއި ގުޅިގެން އެ ސްޓޭޝަނުން މަޢާފަށް އެދި ބަޔާން ނެރުމަށް ބްރޮޑްކާސްޓިން ކޮމިޝަނުން އަންގައިފިިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން 4 މަސްކުރިން ހުށަހެޅުނު މި މައްސަލަ އާއި ގުޅޭގޮތުން ބުނެފައިބަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ޚަބަރުގައި ރާއްޖެޓީވީއިން، އުތެމަ ޖަމްޢިއްޔާއާބެހޭ ގޮތުން ބްރޯޑްކާސްޓްކޮށް، ފޭސްބުކް މެދުވެރިކޮށް ރީބްރޯޑްކާސްޓްކޮށްފައިވާ "އުތެމައަކީ އިސްލާމްދީން ޤަބޫލުނުކުރާ ދިވެހިން ދިފާއުކޮށް ވާހަކަ ދައްކާ ޖަމްއިއްޔާއެއްކަމަށް" ބުނެ ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރަކީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ރާއްޖެޓީވީއިން ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރެއްކަމަށް ދެކޭ ކަމަށް ބުނެ، މި މައްސަލަ ކޮމިޝަނުން ބައްލަވާ ފިޔަވަޅު އަޅުއްވާ ދެއްވުން އެދި ރާއްޖެ ޓީވީއަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައިވަނީ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ (1)، ފަސްވަނަ ހަމައިގެ (1)، (2) އަދި (3) އާ ޚިލާފު ކޮންޓެންޓެއް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ "ރާއްޖެޓީވީ" އިން ބްރޯޑްކާސްޓްކޮށްފައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން، 2 ސެޕްޓެންބަރު 2020 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ޚަބަރުގައި ރާއްޖެޓީވީއިން، އުތެމަ ޖަމްޢިއްޔާއާބެހޭ ގޮތުން ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރުގެ މައުލޫމާތު އިސްލާހުކޮށް އާންމުކުރުމަށާއި، މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 28 ފެބްރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 08:30 އާ ދެމެދު ރާއްޖެޓީވީން ޢާންމުކުރަން ޖެހޭނެކަމަށެވެ.
ކޮމިޝަނުން ބުނެފައިވަނީ އުތެމަ ޖަމްޢިއްޔާއަކީ ދިވެހިރާއްޖޭގެ އަންހެނުންގެ ޙާލަތާއި، ދިރިއުޅުމުގެ ތަޖުރިބާ އާއި ތަރައްޤީގެ އެކިކަންކަން ދިރާސާކޮށް ދެނެގަތުމަށް މަސައްކަތް ކުރުމުގެ މަޤްސަދުގައި 2016 ވަނަ އަހަރުގެ ޖޫން މަހު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ޖަމްޢިއްޔާއެއްކަމަށް މި މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާކަމަށެވެ.
އުތެމަ ޖަމްއިއްޔާއިން ދީނާއި ޚިލާފް ރިޕޯޓްތަކާއި، ލިޔުންތައް ޝާއިރު ކުރާ މައްސަލާގައި އެޖަމްއިއްޔާއާއިމެދު ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ މީގެ ކުރިންވެސް ގޮވާލާފައެވެ. އަދި އެޖަމްއިއްުޔާގެ މައްސަލަ ކަމާއިބެހޭ ފަރާޓްތަކަށްވެސް ވަނީ ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ