އިދިކޮޅު މުޒާހަރާތަކަށާއި، އިިދިކޮޅު ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތަށް އިޝާރާތްކޮށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދައްކާފައިވާ ވާހަތަކުން އިމްރާނަކީ ހޯމް މިނިސްޓަރުގެ މަޤާމަށް އެކަށީގެން ނުވާ ބޭފުޅެއްކަން ހާމަވެފައިވާކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް މުޒާހަރާތަކުގައި ގެންގުޅުއްވާނެ ސްޓްރެޓެޖީ ވަރަށް ރަނގަޅަށް އެގޭކަމަށް ބުނެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ޕީޕީއެމް އޮފީހުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ގަދަބާރުން އެތައް ބަޔަކަށް އަނިޔާކޮށް ބަންދު ކުރުމަށްފަހު މަގުމަތީ ބަހުރުވައިގެން ހޯމް ނިނިސްޓަރު ޓްވީޓު ކުރެއްވުމުން އެމަނިކުފާނުގެ ފެންވަރު އެގިއްޖެ ކަމަށެވެ.
މިނިސްޓަރ އިމްރާނަކީ މަޤާމަށް ކުފޫހަމަނުވާ، ރައްޔިތުންގެ އަޑުތަކާއި އިހުސާސުތައް ދަންނަ ބޭފުޅެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ. މިއީ ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ޚާއްސަކޮށް ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރަންޖެހޭ ވަޒީރުގެ ބަސްމަގާއިމެދު ރައްޔިތުންވެސް ލަދުގަންނަ ވަރުގެ ވާހަަތަކެއްކަމަށް ސައީދު ވިދާޅުވިއެވެ. މިފަދަ ބޭފުޅުން މަޤާމުތަކަށް ލައްވައިގެން ރައްޔިތުންނަށް އަނިޔާ ކުރެއްވުމަށްވުރެ އަމިއްލަ ފުޅަށް ރައީސުލްޖުމްހޫރިއްޔާއާއި، ވަޒީރުން އިސްތިއުފާ ދެއްވުންވެސް މާ ރަނގަޅުވާނެކަމަށް ސައީދު ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން ކުރެއްވި ކުރު ޓްވީޓުގައި މާބޮޑު ތަފްސީލެއް ދެއްވާފައި ނުވެއެވެ. މުޒާހަރާގެ ތެރެއިން އަބްދުއްރަހީމް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައެވެ.
މިއަދުގެ ނުޒާހަރާ ފެށެން ގާތް ވެފައި ވަނިކޮށް ހޯމް މިނިސްޓަރ އިމްރާން ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާރިކަމުގެ ފިޔަވަޅުތަކާއި ޚިލާފަށް އެއްވެސް ބަޔަކަށް، އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށެވެ.
ކޯވިޑް-19އައި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުަތަކައި ޚިލާފަށް މާލޭގައި ހިންގޭ ހަރަކާތްތައް ހުއްޓުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން ވިދާޅުވީ ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ޖާގަފުރި، ރެއާދުވާލު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ ސިއްޚީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ