ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާރިކަމުގެ ފިޔަވަޅުތަކާއި ޚިލާފަށް އެއްވެސް ބަޔަކަށް، އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށްބުނެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ނުރުއްވި ބަޔާނަށް ކުރީގެ ފޮރިންމިނިސްޓަރ ޑރ.އަހުމަދު ޝަހީދު ފާޑުވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ސަރުކާރުން ޖާގަ ނުދޭނެކަމަށް ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ޑރ.ޝަހީދު ވިދާޅުވީ އެއީ އެންމެ އަސާސީ މިނިވަންކަމާއި ބެހޭ ގޮތުންވެސް ޑިމޮކްރަސީގައި ބޭނުންކުރާ ލަފްޒެއް ނޫންކަމަށެވެ. އެލަފްޒުން ދޭހަ ވެގެންދަނީ ޖަދަލު ކުރުމާއި، ހަރުކަށި ކަމުގެ މިންވަރު ކަމާއި މިއީ އެއްގޮތަކަށްވެސް މިނިވަން ކަމާއި ހަމަހަމަ ކަމާއިއެކު އަމަލުކުރާ ޑިމޮކްރަސީތަކުގައި ބޭނުން ކުރާވަރުގެ ލަފްޒެއް ނޫންކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
ސަރުކާރުން ޖާގަ ނުދެވޭނެ. މިއީ އަސާސީ މިނިވަން ކަމާއި ބެހޭ ގޮތުން ޑިމޮކްރަސީއެއްގައި ބޭނުންކުރާ ވަރަށްވުރެ ހަރުކަށި އަދި ޖަދަލު ކުރުމުގެ ރޫހެއް ހާމަކޮށްދޭ އިބާރާތެއް. ރަސްކަމުގެ ޒަމާން ނިމިޖެ.
– ހޯމް މިނިސްޓްރީން ނެރުނު ބަޔާނާއި ގުޅިގެން ޑރ.ޝަހީދު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ އިމްރާން ސޮއިކުރައްވައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19އައި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުަތަކައި ޚިލާފަށް މާލޭގައި ހިންގޭ ހަރަކާތްތައް ހުއްޓުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން ވިދާޅުވީ ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ޖާގަފުރި، ރެއާދުވާލު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ ސިއްޚީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށެވެ.
މިބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ޙައްޤާއި 32 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤަކީ ދިވެހި ރައްޔިތުންނަށް ފުރިހަމަޔަށް ލިބިގެންވާ އަދި ސަރުކާރުން އެކަން ކަށަވަރުކޮށްދޭ ޙައްޤުތަކެއް ކަމަށެވެ. ހަމައެއާއެކު ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރެވިގެންވާ މިނިވަންކަމަކީ އެއާއެކު ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއްވާ އަދި ހުދޫދުތަކެއްވެސް ކަނޑައެޅިގެންވާ ކަންކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ