އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޢައްސާން މައުމޫން ހައްޔަރު ކޮށްފިއެވެ.
ޢައްސާން މައުމޫނާއި، އަބްދުއްރަހީމް ހައްޔަރުކޮށްފައިވަނީ މުޒާހަރާގެ ތެރެއިން ޕީޕީއެމް އޮފީސް ކައިރިންނެވެ. މުޒާހަރާައި އަޑު އުފުލަމުން ދަނިކޮށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް އެސަރަހައްދުގައި ތިބި ބައެއް މީހުންގެ މޫނަށް ޕެޕާސްޕްރޭވެސް ޖަހާފައެވެ. އަދި ތަކުރާރުކޮށް ދަނީ މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުން ކުރާނެކަމަށާއި، ބާރުގެ ބޭނުން ކޮށްގެން ދިމާވާ އެއްވެސް ކަމަކަށް ޒިންމާ ނުވާނެ ކަމަށް ބުނަމުންނެވެ.
މުޒާހަރާގެ ތެރެއިން މިހާތަނަށް މަޖިލީހުުގެ ތިން މެމްބަރަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހިމެނެއެވެ. އަދި ޕީޕީއެމް ޕީއެންސީގެ އިސްސަފުގެ ގިނަ ބޭފުޅުންނާއި އާންމުންގެ ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
މިއަދުގެ މުޒާހަރާ ފެށެން ކައިރިވެފައި ވަނިކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ޖާގަ ނުދޭނެކަމަށެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ކުރުމަށް ރާވާފައިވާ މުޒާހަރާ ހުއްޓުވާނެކަން ހާމަކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯވިޑް 19 ފެތުރުން އިހުނަށްވުރެ އިންތިހާއަށް އިތުރު ވެފައިވާ މި ނާޒުކު ދަނޑިވަޅަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭ ވަގުތުކަމަށް ފުލުހުން ދެކޭކަމަށެވެ. އަދި އެއްވެސް ބަޔަކަށް ގާނޫނާއި ގަވާއިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ