އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޕީޕީއެމް އޮފީސް ކައިރީގައި ހުއްޓައެވެ. ޝިޔާމް ގެންދަން އުޅުމުގެ ތެރެގައި އެކި ވަރުގެ އަނިޔާތަކެއް ވަނީ ވެފައެވެ. ޝިޔާމް ހައްޔަރުކޮށްފައިވަނީ ޕީޕީއެމް އޮފީސްކައިރިޔަށް ގިނަ ބަޔަކު އެއްވާން ފެށުމުން އެކަމަށް ހުރަސް އެޅުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިންނެވެ.

ޝިޔާމްގެ އިތުރުން މިހާތަނަށް ނޮޅިވަރަމް ދާއިރާގެ މެމްބަރާއިއެކު ގިނަ އަދަދެއްގެ ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ވަނީ މިއަދު މުޒާހަރާގެ ބައިވެރިންނަށްވުރެ ކުރިން ބޮޑު ތަކުރުފާނު މަގު ޕީޕީއެމް ކައިރިއަށް އެއްވެ، އެސަރަހައްދަށްދާ ބައެއް މީހުން ހައްޔަރު ކުރަމުންނެވެ. މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުރީގެ ޑިއާރުޕީގެ ލީޑަރު ކާނަލް ނަޝީދާއި، ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއާއި، ޕީއެންސީގެ ކައުންސިލް މެމްބަރު ނަރީޝް ހިމެނެއެވެ.
މުޒާހަރާގައި ބައިވެރިވުމަށް ޕީޕީއެމް އޮފީސް ކައިރިއަށް މީހުންނަށް އެއްވިޔަ ނުދީ އެސަރަހައްދުން ފޮނުވާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މިއަދުގެ މުޒާހަރާއާއި ގުޅިގެން ހޯމް މިނިސްޓްރީން ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާރިކަމުގެ ފިޔަވަޅުތަކާއި ޚިލާފަށް އެއްވެސް ބަޔަކަށް، އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމުގައެވެ.
ކޮމެންޓު ފޮނުވާ