ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާއިއެކީ ކުރާ ވެރިކަމެއް: ރައީސް

ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާއިއެކީ ކުރާ ވެރިކަމެއް: ރައީސް

Author
މުޙައްމަދު ޝަޒައިމް
25 ފެބްރުއަރީ 2021 09:11
0

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމަކީ ރައްޔިތުންނާއި އެކީ ކުރާ ވެރިކަމެއް ކަމަށާއި، އެމްޑީޕީން ގެންނަން މަސައްކަތް ކުރަމުންދަނީ އެނިޒާމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެންޕެއިން"ރަށްވެހި ފަތިސް" ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ އެމްޑީޕީގެ ވިސްނުމެއްކަމަށެވެ. މިނިޒާމު ގެނައުމަށް އެކި މަރުހަލާތަކުގައި މަސައްކަތް ކުރެވުނު ނަމަވެސް ނިޒާމު މިހާތަނަށް އައުމަށް އައި ލަސްވުމަކީ އެކަމާއި ދެކޮޅު ބަޔަކު އަދި އެކަމަށް ހިތްނޭދޭ ކަމެއް ކުރުމަން ޖެހުމުން ވެފައިވާ ލަސްވުމެއްކަމަށެވެ.

ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުން ގުޅިފަިއވަނީ ލާމަރުކަޒީ އުސޫލުން ރައްޔިތުންނާއި އެކީގައި ކުރާ ވެރިކަމެއްގެ ތެރެއިން ކަމަށްވާއިރު އެމްޑީޕީން ވެރިކަމާއި ހަވާލުވުމަށްފަހުވެސް މިނިޒާމުގެ ތެރެއިން ދައުލަތް ހިންގުމަށް ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ވަކިވަކި ދާއިރާތަކުން މިސާލު ނަންގަވަމުން ރައީސް ޞާލިހު ވިދާޅުވީ ޞިއްޚީ ދާއިރާއަށާއި، ދަތުރުފަތުރާއިި، މުދާވެރިކަމަށްވެސް ބޮޑެތި ބަދަލުތަކެއް ގެެނެވި ރަށުގައި އަތޮޅުގައިތިބެގެން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހެމުންދާކަމަށެވެ. ކޯވިޑްގެ މިދަތި އުދަގޫ ހާލަތުގައިވެސް މީގެ ކުރިން އަތޮޅުތެރޭގައި ނުކުރެވޭ އޮޕަރޭޝްނަތަަކާއި، ސްކޭންތަކާއި އެނޫންވެސް ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުތުރާއި ދެކުނުގައި ޕޯޓް ގާއިމްކޮށް މުދާ އެ ދެސަރަހައްދަށް ބޭލޭނެ އިންތިޒާމާއިއެކު މަރުކަޒީކޮށް މާލެއަށް ބަރޯސާވާންޖެހޭ ޖެހުން ކުޑަވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަދިވެސް އެތައްކަމެއް ކުރަން އޮތްއިރު، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހަގީގީ މަސައްކަތް ފެށިގެންދާނީ އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި އެކުގައިކަމަށެވެ. އެމްޑިީޕީން ނިކުންނަނީ ރާއްޖެ ބަދަލު ކުރަންކަމަށާއި، އެމްޑީޕީން ރާއްޖެއަށް ގެނެސްދޭނެ ތަރައްޤީއާއިމެދު ރައްޔިތުން އެއްވެސް ވަރަކަށް ނާއުމީދުވެ މާޔޫސް ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާތަނަށްވެސް ވެރިކަމުގައި މިވީ ކުރު މުއްދަތުގައިވެސް ރާއްޖެއަށް ބޮޑެތި ތަަރައްޤީ ގެނުގައި ރައްޔިތުންނާއި ކައިރިން ޚިދުމަތް ދެވިފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.