އަމީން ޖަލަށް ބަދަލު ކުރަން އަމުރު ކޮށްފި

އަމީން ޖަލަށް ބަދަލު ކުރަން އަމުރު ކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 ފެބްރުއަރީ 2021 06:20
0

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާލިބޭ މުހައްމަދު އަމީން ކްރިމިނަލް ކޯޓުން ގޭ ބަންދަށް ބަދަލު ކޮށްފައި ވަނިކޮށް، އޭނާ އަލުން ޖަލު ބަންދަށް ބަދަލުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ނިރުބަވެރި ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ނިރުބަވެރި އަމަލެއް ކުރަން ރޭވުމުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުން މި މަހުގެ ކުރީކޮޅު ވަނީ އޭނާގެ ބަންދު މުރާޖައާ ކުރަން ހުށަހެޅުމުން އެކަށީގެންވާ ބޭސް ފަރުވާ އޭނާއަށް ލިބެން ނެތް ކަމަށް ބުނެ ގޭ ބަންދަށް ބަދަލުކުރަން އަމުރުކޮށްފައެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަމީނަށް ޖަލުގައި ގަސްދުގައި ފަރުވާ ނުދީ ލަސް ކޮށްފައިވާ ކަމަށް ބެލެވެން ނެތް ކަމަށާއި އަދި ގޮޅިން ބޭރަށް ނުނެރުން ފަދަ ކަންކަމަކީ ބަންދުން ދޫކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ކުށުގެ ތުހުމަތުގައި ތިބޭ ނުވަތަ ދައުވާލިބޭ މީހުން ގޭ ބަންދުގައި ނުބޭތިއްބޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށާއި އެހެންވެ، ގެއިން ނުނިކުންނަ ޝަރުތުކޮށް އަމީން ދޫކޮށްލަން ކުރި އަމުރަކީ އޭނާ ގޭ ބަންދުކުރަން ނެރުނު އަމުރެއް ކަމަށް އެ ހުކުމުގައިވެ އެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ފުލުހުން ހޯދަން އުޅުނު މީހެކެވެ. އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011 ވަނަ އަހަރު އެވެ. އޭގެފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށް ފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ 2019 ވަނަ އަހަރު އެވެ.

އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.