އެންމެ އިސްކަންދޭޖެހެނީ ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް: އަލީ ހުސެއިން

އެންމެ އިސްކަންދޭޖެހެނީ ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް: އަލީ ހުސެއިން

Author
މުޙައްމަދު ޝަޒައިމް
25 ފެބްރުއަރީ 2021 12:42
0

ސަރުކާރުން އެންމެބޮޑު އިސްކަމެއްދީގެން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމަކީ ހެޔޮ އަގުގައި ރަށްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަން ނުލިބި ގިނަ ބަޔަކު މާލޭގައި ތިބިކަމަށް ވިދާޅުވެ މިނިސްޓަރ އަސްލަމް ދައްކަވަފައިވާ ވާހަކަތަކާއި ގުޅިގެން އަލީ ހުސެއިން ވިދާޅުވީ ބޯހިޔާ ވަހިކަމަކީ އިންސާނީ އަދި އަސާސީ ހައްޤަކަށްވާއިރު އެ ހައްޤު އެންމެ އެކަށީގެންވާ ގޮތުގައި ކަށަވަރު ކޮށް ދިނުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށެވެ. ސަރުކާރުން އެންމެ އިސްކަންދީގެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހައްގުތަކުގެ ތެރޭގައިވެސް ބޯހިޔާވަހިކަން އިސްކުރަންޖެހޭ ކަމަށާއި، ހެޔޮ އަގުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުނަމީ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއްކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަކީ އިންސާނީ އަސާސީ ޙައްޤެއް. ސަރުކާރުން އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަމަކީ އެކަށީގެންވާ ހެޔޮ އަގެއްގައި އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން.

– އަލީ ހުސެއިން ވިދާޅުވިއެވެ.

މާލޭގައި ބޯހިޔާވަހިކަން ބޭނުންވާ 17،073 އާއިލާއެއް އެބަ ތިބިކަން ފާހަގަކުރެވިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އިއްޔެ މަޖިލީހުގައި ވިދާޅުވެފައެވެ. ބޯހިޔާވަހިކަން ހޯދުމަށް ސަރުކާރުގެ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި މާބޮޑު މަސައްކަތްތަކެއް ނުކުރެވޭއިރު، އަޅާފައިވާ ފްލެޓްތަކަށް ރައްޔިތުން ވެއްދުމުގައިވެސް އެކަށީގެންވާ ބާރު ސްޕީޑެއްގައި މަސައްކަތް ނުކުރެވޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކަށް ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ފަށްޓަވާނެ ކަމަށް މިނިސްޓަރ އަސްލަމް އިއްޔެ ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގެ 25 ބުރީގެ 16 ޓަވަރުގެ 7000 އެޕާޓްމަންޓްގެ ތެރެއިން 6720 ފްލެޓް މީހުން ދިރިއުޅުމަށް ވަނީ ހަމަޖައްސާފައެވެ. މި ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް މިހާރު އިޢުލާންކޮށްފައިވާއިރު ފެލްޓްތަކަށް ވަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅާފައެވެ. އަދި ކަރަންޓުގެ މަސައްކަތްތައް ނިންމުމަށް މަސައްކަތްކުރަމުން އަންނައިރު ފްލެޓްތަކުގައި ސްމާޓް މީޓަރުތައް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.