ތ.ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ވީއެންމެ އެވަހަކަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރެވެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެރަށުގެ ހާލަތު ބައްލަވައި ލެއްވުމަށް އެދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކުގައެވެ. ވޭމަންޑޫގެ އަލިފަނުގެ ހާދިސާއައި ގުޅިގެން އަބްދުﷲ ރިޔާޒު ވިދާޅުވީ ރައީސް ޞާލިހު ގުޅުއްވައި ރަށުގެ ހާލަތު އޮޅުން ފިލުވިކަމަށެވެ. އަދި ކަމާއިބެހޭ ފަރާތްތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓުގެ މައްސަލަ ހައްލު ކޮށްދެއްވުމަށް އަންގަވައި އެބޭފުޅުން އެމަސައްކަތް ކުރައްވަމުންދާކަމަށް ރައީސް ވަނީ ދަންނަވާފައެވެ.
ވޭމަންޑޫ އިންޖީނުގޭގައި ހިިގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ރައީސް @ibusolih ފޯނުން ގުޅުއްވާ މައުލޫމާތު ހޯއްދެވި. އަދި ރައްޔިތުންނަށް އަވަހަށް ކަރަންޓު ލިބޭނެގޮތް ސަރުކާރުން ހަމަޖައްސަވާނެކަމަށް ވިދާޅުވި. ސަރުކާރުގެ ހުރިހާ އިދާރާއެއް ގުޅިގެން ކުރައްވާ މަސައްކަތައް ޝުކުރު.
— Abdulla Riyaz MP (@riyazabdulla) February 24, 2021
ވޭމަންޑޫއަކީ އަތޮޅުގެ ވެރިކަން ކުރާރަށެވެ. ތ.ވޭމަންޑޫ އިންޖީނުގޭގައި މިއަދު އަލިފަންރޯވެ ހިނގި ހާދިސާގައި އިންޖީނުގެ ބޭނުން ނުކުރެވޭ ވަރަށް އަދާފައިވާކަމަށް ފެނަކައިންވެސް ވަނީ ބުނެފައެވެ.
ފެނަކައިން ކުރި ޓްވީޓުގައި ބުނެފައިވަނީ ތ. ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެެއް ހިނގައި، ބޭނުންނުކުރެވޭވަރަށް އިންޖީނުތައް އެނދުމާގުޅިގެން އެރަށުގެ ކަރަންޓުގެ ޚިދުމަތް ވަނީ ވަގުތީގޮތުން މެދުކެނޑިފައިކަމަށެވެ. މިހިތާމަވެރި ހާދިސާއާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ފެނައިކައިން ވަނީ މަޢާފަށް އެދިފައެވެ. އަދި ކަރަންޓުގެ ޚިދުމަތް ވީއެންމެ އަވަހަށް އިއާދަކުރުމަށްޓަކައި މަސައްކަތްކުރަމުންދާކަމުގެ ޔަޤީންކަން ވެސް ފެނަކައިން ވަނީ ދީފައެވެ.
މިހާދިސާގައި ގުޅިގެން ފެނައިގެ އެމްޑީ ސައީދު ހިމެނޭހެން އިސްޓީމެއް ވަނީ މިއަދު އެރަށަށް ގޮސްފައެވެ. މިހާދިސާގައި އަލިފާން ނިއްވާލެވިފައިވަނީ ރަށުގެ ރައްޔިތުންނާއި، ފުލުހުން ގުޅިގެން ކުރި މަސައްކަތުންނެވެ.
ވޭމަންޑޫ އިންޖީނުގޭގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އަދި މި ހާދިސާ ހިނގާފައިވާ ގޮތުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ