ހދ.ހަނިމާދޫ އިންޓަރނޭޝަލް އެއަރޕޯޓު ބޮޑުކޮށް، އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިއަހަރުގެ ޖުލައިމަހުގެތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކައުންސިލް އިންތިޚާބާއި ދިމާކޮށް ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި، ކެންޕެއިން ޓީމުތަކާއިއެކު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހަނިމާދޫ ކެންޑިޑޭޓުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑްކުރުމަށްޓަކައި، އެކަމާއި ގުޅޭ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އެގޮތުން މި މަސައްކަތް ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާތައް މިހާރު ކުރިއަށްދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެއާޕޯރޓު ތަރައްޤީ ކުރިމުގެ އިތުރުން ހަނިމާދޫގައި މިހާރު ބޭނުންކުރަމުންދާ ޞިއްޚީ މަރުކަޒު މިއަހަރުގެ ތެރޭގައި ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.
އިންޑިއާ ސަރުކާރުން ވަނީ ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަށް އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން.އޮފް.ކްރެޑިޓްގެ ދަށުން ފަންޑުކުރަން ނިންމާފައެވެ. މި މަޝްރޫއުގެ ފައިނަލް ޓެންޑަރިންގެ މަސައްކަތް ކުރާނީ ދިވެހި ސަރުކާރުންނެވެ. އެގްޒިމް ބޭންކްގެ ގައިޑްލައިންތަކުގައިވާ ފަދައިން މިފަދަ މަޝްރޫއުތަކުގެ މަސައްކަތުގައި އިންޑިއާގެ ކުންފުނިތަކާއެކު ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އެއަރޕޯޓު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް، އެއެއަރޕޯޓްގެ ރަންވޭ 2200 މީޓަރަށް ބޮޑުކުރުމަށް ވަނީ ހަމަޖައްސާފައެވެ. ރަންވޭ ތަރައްޤީކުރަނީ އޭ.320ގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށެވެ. އަދި އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ބޮޑުކުރުމާއި، ކަރގޯ ޓަރމިނަލާއި، ފިއުލް ފަރމާއި ފަޔަރ ސްޓޭޝަން އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން މިމަަޝްރޫއުގައި ހިމެނެއެވެ.
ކޮމެންޓު ފޮނުވާ