ކޯވިޑް-19ގެ ބަލިމަޑުކަން އިތުރަށް ގޯސްވެ ބަލި ކޮންޓްރޯން ނުވެދާ މިދަނޑިވަޅުގައި ޖަމާއަތުގައި ކުރާ ނަމާދުތަކުގައި ގައިދުރުކުރުމަކީ މުހިންމު ކަމެއްކަމުގައި ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަން ބޮޑުވެ ނުރައްކާތެރިކަން އިންތިހާއަށް ކުރިމަތިވެފައިވާ މިވަގުތުގައި އިސްލާމިކް މިނިސްޓްރީން ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވަންޖެހޭކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. ޚާއްސަކޮށް ފުރާނައާއި ނަފްސު ރައްކާތެރިކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމް ކުރާކަމަކަށްވާތީ ކޯވިޑްގެ ބަލިމަޑުކަމުން ދުރުވުމަށް ޞިއްޚީ މާހިރުން ދެއްވާ ލަފާތަކާއި އިރުޝާދަށް ފުރުހަމައަށް ބޯލަބައި އަމަލު ކުރުމަކީ ލާޒިމް ކަމެއްކަމަށެވެ.
ތިމާގެ ފުރާނައާއި ނަފްސު ރައްކާތެރިކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމް ކުރާކަމަކަށްވާތީ ކޯވިޑްބަލިން ރައްކާތެރި ވުމަށް އަޅަންޖެހޭ ކަމަށް ޞިއްޙީ މާހިރުން ލަފާދޭ ކަންތައްތައްކުރުން ލާޒިމް. ވީމާ މިވަގުތު ޖަމާޢަތުގައި ނަމާދު ކުރާއިރު ގައިދުރުކުން މުހިންމު.
– އިސްލާމިކް މިނިސްޓްރީ ޓެގް ކުރައްވައި ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލެ ސަރަހައްދުގައި ރައްކާތެރިކަމުގެ ގޮތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މީހުން އެއްވެ އުޅުން މަދުކޮށް އިޖުތިމާޢީ ގައިދުރުކަން ހިފެހެއްޓުމަށްޓަކައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާފައި ވާއިރު، މާލެ ސަރަޙައްދުގައި ޖަމާޢަތުގައި ނަމާދުކުރުންވެސް މިދިޔަ އަހަރުގެ މާޗް މަހުގެ 18ވަނަ ދުވަހުން ފެށިގެން ވަނީ ހުއްޓާލާފައެވެ. އެހެންނަމަވެސް، ކޯވިޑް-19ގެ ޙާލަތު ރަނގަޅުވެ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފެށުމާއެކު ޖަމާއަތުގައި ނަމާދުކުރަން ފަށާފައިވަނީ އޭގެ 104 ދުވަސް ފަހުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ކޯވިޑްގެ ނުރައްކާތެރިކަން ކުޑަވުމަށްފަހު މިއަހަރު ފެށުނުފަހުން އަދި ބަލީގެ ނުރައްކާ ކުޑަކޮށްވެސް ކުޑަވާތަނެއް ނުފެނެއެވެ. މިއާއިއެކު ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، މާލެ ސަރަަހައްދުގައި ރޭގަނޑު 6 އިން ހެނދުނު 6 އަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ބައެއް އެހެން ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ. ފިޔަވަޅުތަކުގެ ތެރޭގައި ޖަމާއަތުގައި ކުރާ ނަމާދުތައް މެދު ކަނަޑާލާފައި ނުވެއެވެ. ނަމަވެސް ހުކުރު ދުވަހުގެ ހުކުރު ހުތުބާ މިދިޔަ ހުކުރުން ފެށިގެން ވަނީ ކުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ