ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 2.3 ބިލިއަން ރުފިޔާ ދައްކައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ލަސްވުމަކީ މި ދާއިރާގެ އެންމެ ބޮޑު މައްސަލައެއް ކަމުގައި ވީނަމަވެސް، ދައްކާފައިވާ ފައިސާގެ ތެރެއިން 1.3 ބިލިއަން ރުފިޔާ، ވަޢުދުވި ގޮތަށް މަސް ވިއްކާތާ 48 ގަޑިއިރުގެ ތެރޭގައި ދެއްކި ކަމަށް ރައީސް ވިދާޅުވިއެވެ. ތިން އަހަރު ކުރިން ހީނަރުވެ އަނދަވަޅެއްގައި އޮތް މި ސިނާޢަތުގެ ރާސްތާ މިހާރު ބަދަލުކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމާ ގުޅޭ ބާކީ ވަޢުދުތައް މި ދައުރުގެ ތެރޭގައި ފުއްދައި، ސިނާޢަތަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމަށާއި، މި މަސައްކަތުގެ ފައިދާ އޮޑިވެރިންނަށްވެސް ލިބެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ހާމަކުރާ މި ނަތީޖާތަކަކީ ޙަޤީޤަތުގައި ފެންނަން އޮތް ކަންކަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާއި އިޤްތިޞާދު ފުޅާކުރުމަށްޓަކައި ދަނޑުވެރިކަމަށްވެސް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މި ދާއިރާއަށް ޤާނޫނީ އަދި މާލީ ނިޒާމުގެ ތެރެއިން ގިނަ ކަންކަން ތަޢާރަފުކުރެވިފައިވާ ކަމަށާއި، 2027 ވަނަ އަހަރަކީ ދަނޑުވެރިކަމުގެ ދާއިރާއަށް އިތުރު ގިނަ ފުރުޞަތުތަކެއް ފަހިވާނެ އަހަރަކަށް ވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ