ޤައުމީ ތަރައްޤީގެ ބިންގަލަކީ އިސްލާމްދީން: ރައީސް

ޤައުމީ ތަރައްޤީގެ ބިންގަލަކީ އިސްލާމްދީން: ރައީސް

Author
އަހުމަދު
17 ނޮވެމްބަރ 2026 11:57
0

 

ރާއްޖޭގެ ތަރައްޤީ ބިނާކުރެވޭނެ 8 މައިގަނޑު އަސާސެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. އަދި ތަރައްޤީގެ ހުރިހާ ކަމެއްގެ ބިންގަލަކަށް ވާނީ އިސްލާމްދީން ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީތައް ހިއްސާކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ރައީސް ވިދާޅުވީ، މި އަސާސުތަކުގެ މައްޗަށް މަސައްކަތްކޮށްގެން 2040 ވަނަ އަހަރު ވާއިރަށް ރާއްޖެ ހުރިހާ ދާއިރާއަކުން ތަރައްޤީވެފައިވާ ޤައުމަކަށް ހެދޭނެ ކަމަށެވެ. ސަރުކާރުގެ މެނިފެސްޓޯވެސް ބިނާކޮށްފައިވަނީ މި އަމާޒުތައް ހާސިލުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ހާމަކުރެއްވި 8 އަސާސަކީ ތިޔާގީ، ސިޔާދަތީ މިނިވަންކަން އޮތް، ވިލުންތެރި، ޝާމިލް، އުފެއްދުންތެރި، ގުޅިފައިވާ، ދުޅަހެޔޮ އަދި ހުނަރުވެރި، އަދި އިތުބާރުކުރެވޭ ޤައުމަކަށް ވުމެވެ. މި މަސައްކަތުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުން މުހިންމު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައެއް ފަރާތްތަކުން މި މަސައްކަތަށް ސިޔާސީ ކުލަ ޖައްސަން އުޅޭ ކަމަށް ވިދާޅުވެ، އެކަމަށް ފުރުސަތު ނުދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. މިއީ ވަކި ޕާޓީއެއްގެ ނުވަތަ ވަކި ފިކުރެއްގެ ވާހަކައެއް ނޫން ކަމަށާއި، މިއީ މިއަދުގެ ޖީލާއި އަންނަން އޮތް ޖީލުތަކަށްޓަކައި ކުރާ ޤައުމީ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 2040 ވާއިރަށް ތަރައްޤީވެފައިވާ، ހަމަޖެހިފައިވާ އަދި ފުރިހަމަ ސެކިއުރިޓީ ލިބިފައިވާ ރާއްޖެއެއް ފަޚުރުވެރިކަމާއެކު ދަރިންނަށް ވާރުތަކޮށްދެވޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.