ވެރިކަމާ ހަވާލުވިއިރު ހިނގަމުންދިޔަ އަދި މި ސަރުކާރުން ސޮއިކުރި ހުރިހާ އެއާޕޯޓެއްގެ މަސައްކަތް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރެއަށް ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ ޚާއްޞަ ޖަލްސާގައި ރައީސް ވިދާޅުވީ، 2027 ވަނަ އަހަރަކީ މަޝްރޫޢުތައް ނިންމައި ރައްޔިތުންނާ ހަވާލުކުރާ "ޑެލިވަރީ އަހަރު" ކަމަށެވެ. އެއާޕޯޓުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލް އާއި އެމްޓީސީސީއާ ކަމަށާއި، ބިން ހިއްކުމާއި ބޮޑުހިލައިގެ ދަތިތައް ހައްލުކުރެވިފައިވާތީ އަންނަ އަހަރު މަސައްކަތް އަވަސްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި އަހަރު ދައުލަތުގެ ދަރަނި ދެއްކުމަށް އިސްކަންދިނުމާއި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި ޓޫރިޒަމަށް އަސަރުކުރުމުން ބައެއް މަޝްރޫޢުތައް މަޑުޖައްސަން ޖެހުނު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް އަންނަ އަހަރު ނިމުމުގެ ކުރިން، ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ މަދުވެގެން 70 އިންސައްތަ ނިންމައި ހަވާލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސައްކަތް އަވަސްކުރުމަށް "މަހާޖައްރާފު" އަށްވުރެ ތިންގުނަ ބޮޑު ޑްރެޖަރެއް އަންނަ މާޗު މަހު ރާއްޖެ ގެނެވޭނެއެވެ. އަދި ބޮޑުހިލަ ގެނައުމާއި، އާރްޑީސީ އާއި އެމްޓީސީސީ އެއްކުރުމާއެކު ގިނަ ރަށްތަކެއްގެ މަގުތައް އެއްފަހަރާ ހެދުމަށްވެސް ރާވާފައިވެއެވެ.
ކޮންމެ ރަށަކުން 20 އާއި 30 މިނިޓާ ދެމެދުގެ ވަގުތެއްގައި ދެވޭ ހިސާބެއްގައި އެއާޕޯޓެއް ހެދުމުގެ ސިޔާސަތުގެ ދަށުން، ގދ. ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ހއ. ދިއްދޫ، ރ. ފައިނު، ފ. ނިލަންދޫ، ތ. ވިލުފުށި އަދި ތ. ގުރައިދޫ ހިމެނޭ ހަތް އާ އެއާޕޯޓެއްގެ އެއްބަސްވުމުގައި މި ސަރުކާރުން ސޮއިކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ