އަޒަރުބައިޖާނުގެ ވެރިރަށް ބާކޫއާއި ދެކުނުގެ ސަރަހައްދުތަކުގެ ސަރުކާރު ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން، ދަރިވަރުންނާއި ބެލެނިވެރިން ބޮޑެތި މުޒާހަރާތަކަށް ނިކުމެއްޖެއެވެ.
ސަރުކާރުން ސްކޫލް ޔުނިފޯމްގެ އުސޫލުތަކަށް ގެނައި ބަދަލާއެކު، ގައުމުގެ ސެކިއުލާ ތައުލީމީ ނިޒާމާ ހިލާފުވާ އެއްވެސް އިތުރު ފޭރާމެއް ޔުނިފޯމާއެކު ބޭނުންކުރުން މަނާކޮށްފައިވާއިރު، މި ގަވާއިދު މުދައްރިސުންނަށް ވެސް ހިނގައެވެ. ނިންމުމާ ދެކޮޅަށް ގިނަ ބެލެނިވެރިން ދަރިން ސްކޫލަށް ނުފޮނުވައި ބޮއިކޮޓްކޮށްފައިވާއިރު، ބުރުގާ އަޅައިގެން ދިޔަ ބައެއް ދަރިވަރުން ސްކޫލް ގޭޓުން އަނބުރާ ފޮނުވާލާފައިވެއެވެ. ބައެއް މުދައްރިސުންނަށް ބުރުގާ ނެގުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ވެސް އަންގާފައިވެއެވެ.
މުޒާހަރާތަކުގެ ވީޑިއޯތައް ފެތުރުން ހުއްޓުވުމަށް ސަރުކާރުން ޓިކްޓޮކާއި އިންސްޓަގްރާމް ފަދަ މީސްމީޑިއާ ބަންދުކޮށް، މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުކޮށްފައިވެއެވެ. މި ނިންމުމަށް ތުރުކީގެ އޮފިޝަލުން ފާޑުކިޔުމުން، އެއީ ދާހިލީ ކަމެއް ކަމަށް ބުނެ، ތުރުކީއަށް އެކަމުގެ ތެރެއަށް ނުވަނުމަށް އަޒަރުބައިޖާނުން ގޮވާލާފައިވެއެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ފިޔަވަޅު އެޅީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ސެކިއުލާ ނިޒާމު ހިމާޔަތްކޮށް، ބޭރުގެ ދީނީ ނުފޫޒުން ތައުލީމު ސަލާމަތްކުރުމަށެވެ. އާބާދީގެ 96 ޕަސެންޓް މުސްލިމުންކަމުގައިވާ އަޒަރުބައިޖާނަކީ ތާރީހީގޮތުން ދީނީ ކަންކަމަށްވުރެ ސެކިއުލާ އުސޫލުތަކަށް ބޮޑަށް ތަބާވާ ގައުމެކެވެ.
ކޮމެންޓު ފޮނުވާ