ދަރަނީގެ ބުރަ ލުއިވެ، ކުރިއަށް އޮތީ ފަސޭހަ މަގެއް: ޒަރީރު

ދަރަނީގެ ބުރަ ލުއިވެ، ކުރިއަށް އޮތީ ފަސޭހަ މަގެއް: ޒަރީރު

Author
އަހުމަދު
19 އޮކްޓޯބަރ 2026 01:54
0

 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން މިހާތަނަށް 1.412 ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި ދެއްކުމުގެ ބުރަ ލުއިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމާއި ރައީސް އޮފީސް ގުޅިގެން ސުލްޠާން ޕާކުގައި ބޭއްވި "އަހާ" ފޯރަމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން އެންމެ ގިނަ ދަރަނި އަދާކުރަން ޖެހުނީ މި އަހަރު ކަމަށާއި، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ސަރުކާރާ ހަވާލުވެވުނީ ބޮޑެތި މާލީ ޒިންމާތަކާއެކު ކަމަށެވެ. ކްރެޑިޓް ރޭޓިންގް ދަށްވެ، މާލީ ބާޒާރުގެ ހާލަތު ދަތިވުމާ ގުޅިގެން، ޓެކްސް އާމްދަނީއާއި ބޭރު ފައިސާ ލިބުން އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވި ގޮތުގައި، މި އަހަރު ދައްކަން ޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކް އަދާކުރުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން 350 މިލިއަން ޑޮލަރާއި ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު ބޭނުންކުރެވުނެވެ. އޭޕްރީލްއާ ހަމައަށް އެ ފަންޑަށް ޖަމާކުރެވުނު ފައިސާއާއި، މާޗްއާ ހަމައަށް ރިޒާވް އިތުރުވި މިންވަރަކީ ވެސް ރިކޯޑުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މިފަހުން ރަނގަޅުވުމަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ފާހަގަކުރެވުނު ކާމިޔާބީއެއް ކަމަށް ބުނެ، މިނިސްޓަރު ވިދާޅުވީ މި އަހަރަށް ފަހު ބޮޑެތި ދަރަނިތަކެއް ދައްކަން ނެތް ކަމަށާއި، ކުރިއަށް ހުރި ދަރަނިތައް ދައުލަތުގެ އާމްދަނީން ދެއްކޭނެ ކަމަށެވެ.

"ނުއުފުލެވޭ ފަދަ ބުރައެއް ދަރަނި ދެއްކުމުގައި ކުރިމަގުގައި ނުފެނޭ،" ޒަރީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.