ފަލަސްތީނަށް ރާއްޖެއިން ކުރާ ތާއީދު ހުއްޓުމަކަށް ނާންނާނެ: އިރުތިޝާމް

ފަލަސްތީނަށް ރާއްޖެއިން ކުރާ ތާއީދު ހުއްޓުމަކަށް ނާންނާނެ: އިރުތިޝާމް

Author
އަހުމަދު
17 އޮކްޓޯބަރ 2026 11:51
0

 

ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ހިފަހައްޓާފައިވާ މަޤާމުގައި ދެމިހުންނާނެ ކަމަށާއި، ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރުން ދުވަހަކުވެސް ހުއްޓާނުލާނެ ކަމަށް ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިރާގުގެ ބަގްދާދުގައި ބޭއްވި އޯއައިސީގެ ހާރިޖީ ވަޒީރުންގެ ކައުންސިލްގެ 52 ވަނަ ބައްދަލުވުމުގައި ތަގްރީރުކުރައްވަމުންނެވެ. 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށްކޮށްގެން މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރިއަށްވެސް ވަކާލާތުކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި އަމާޒު ހާސިލުކުރުމަށް އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށްވެސް ވަޒީރު ގޮވާލެއްވިއެވެ.

ދުނިޔެއަށާއި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވި ވަޒީރު، ސުލްހަ ގާއިމުކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ. ދެމެހެއްޓެނިވި ތަރައްގީއަށް މުޖުތަމައުގެ ހުރިހާ ބައިތަކެއް ބައިވެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ވާހަކަވެސް ވަޒީރު ދެއްކެވިއެވެ.

ރާއްޖެ އޯއައިސީއާ ގުޅުނުތާ 50 އަހަރު ފުރޭ މި އަހަރު، އިސްލާމީ އުއްމަތުގެ މަސްލަހަތަށްޓަކައި ރާއްޖެއިން ކުރިއަށްވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. ބައްދަލުވުމުގެ ހަވާސާގައި އެކި ގައުމުތަކުގެ ވަޒީރުންނާ ބައްދަލުކުރައްވައި، ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައްވެސް ކުރެއްވިއެވެ.

މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރާއި އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.