އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ޔޫރަޕުގެ އިގްތިސާދަށް ގާތްގަނޑަކަށް 112 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް އިގްތިސާދީ ރިޕޯޓްތަކުން ދައްކައިފިއެވެ.
ރިޕޯޓްތަކުގައިވާ ގޮތުން، ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގައި ހާސްބަޔަކަށް ކުދި ކުންފުނިތައް ބަނގުރޫޓުވެ، މިލިއަނަށްވުރެ ގިނަ މީހުންނަށް ވަޒީފާ ގެއްލިފައިވެއެވެ. ތެޔޮ، ގޭސް އަދި ކާނާގެ އަގުތައް މައްޗަށް ދިޔުމާއެކު، ގަލްފުގައި، ޚާއްސަކޮށް ދުބާއީގައި ހުރި ޔޫރަޕުގެ އިންވެސްޓްމަންޓްތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ، ހަނގުރާމަ ފެށުނުއިރު އޭނާ ފާޅުކުރެއްވި ކަންބޮޑުވުންތައް ތެދުވެއްޖެކަން މި ރިޕޯޓްތަކުން ސާބިތުވާ ކަމަށެވެ. އޭނާގެ ބަސްފުޅުގައި، ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުގެ ބޮޑު ބައެއް ގުޅިފައިވަނީ މި ހަނގުރާމައާ ކަމަށާއި، ތެލުގެ އަގު ބޮޑުވުމުގެ އިތުރުން ދުނިޔޭގެ ވިޔަފާރިއާއި ވައިގެ ދަތުރުތަކަށްވެސް ހުރަސްތައް އެޅިފައިވާ ކަމަށެވެ.
ހަނގުރާމައަށް ތާއީދު ނުކުރާކަން ފާޅުގައި ހާމަކުރި ސްޕެއިނާ ދެކޮޅަށް އެމެރިކާއިން ބައެއް ފިޔަވަޅުތައް އަޅައި، ބައެއް ހަތިޔާރު ވިއްކުން ހުއްޓާލި ނަމަވެސް، ސްޕެއިންގެ ސިޔާސަތު ބަދަލެއް ނައެވެ. އީރާނުން ތުހުމަތުކުރަނީ ބްރިޓަނާއި ޔޫރަޕުގެ އެހެން ގިނަ ގައުމުތަކުން މި ހަނގުރާމައަށް ތާއީދުކުރާ ކަމަށެވެ.
ހަނގުރާމައިގެ އަސަރު ރައްޔިތުންނަށް ލުއިކޮށްދިނުމަށް ސްޕެއިންގެ ޕާލިމެންޓުން 12 ބިލިއަން ޔޫރޯގެ ޕެކޭޖެއް ފާސްކޮށްފައިވެއެވެ. އެ ޕެކޭޖުގައި ސަބްސިޑީތަކާއި އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުން، ކުދި ވިޔަފާރިތަކަށް ލުއި ލޯނު ދިނުމާއި، އަމިއްލަ އުޅަނދު ބޭނުންކުރާ މީހުންނަށް ތެލުގެ ސަބްސިޑީ ދިނުން ހިމެނެއެވެ.
ސަންޗޭޒް ވަނީ މިއީ ކުރަން ނުޖެހޭ ހަނގުރާމައެއް ކަމަށް ސިފަކުރައްވައި، ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްހައިގެ މަގު ހޮވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ