ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ލިސްޓުގައި އޮސްޓްރޭލިއާ 7ވަނައަށް އަރައިފިއެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ޤައުމު އޮތީ 11ވަނައިގައެވެ.
ފަތުރުވެރިކަމުގެ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރު މިހާތަނަށް އޮސްޓްރޭލިއާއިން 39,487 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 32,843 ފަތުރުވެރިންނަށްވުރެ 20.2 އިންސައްތަ ގިނަ އަދަދެކެވެ. މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ 2.4 އިންސައްތަ ހިއްސާކުރަނީ އޮސްޓްރޭލިއާއިން އަންނަ ފަތުރުވެރިންނެވެ.
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އޮސްޓްރޭލިއާއިން އައީ 17,737 ފަތުރުވެރިންނެވެ. ނަމަވެސް އޭގެ ފަހުން އެ އަދަދު ދެގުނައަށްވުރެ ބޮޑަށް އިތުރުވެފައިވެއެވެ. މޯލްޑިވިއަނުން މޭ 18ގައި މެލްބަންއަށް ސީދާ ދަތުރުތައް ފެށިއިރު، ޑިމާންޑު ބޮޑުވުމާއެކު އަންނަ އަހަރުން ފެށިގެން ހަފުތާއަކު އެއް ދަތުރު ޝެޑިއުލްކޮށް ކުރުމަށް ނިންމާފައިވެއެވެ. މި ދަތުރުތައް ކުރަނީ އޭ330 މަތިންދާބޯޓުގައެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެ ޤައުމުން 300,000އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، ރަޝިއާއިން 200,000އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. އިނގިރޭސިވިލާތް، ޖަރުމަނުވިލާތާއި އިޓަލީވިލާތުން 100,000އަށްވުރެ ގިނަ ފަތުރުވެރިން، އަދި އިންޑިއާއިން 95,000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ