ސިނަމާލެ ބްރިޖު ހައިވޭގެ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖެއްސީ ގަސްތުގައި ކަމަށާއި، އެކަމުގެ މަގުސަދަކީ ނުރައްކާތެރިކޮށް ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއެޅުން ކަމަށް ބެލެވޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގީ މިއަދު ފަތިހު 04:29 ހާއިރު، މާލެއިން ހުޅުމާލެއަށް ދާ ފަޅީގައެވެ. ފުލުހުންގެ ބަޔާނުގައިވާ ގޮތުން، ގަޑިއިރަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލު، ފުލުހުން ޖަހާފައިވާ ބެރިކޭޑުގައި ޖެހި، ދެން އޮފިސަރުގެ ގައިގައި ޖެހުނީއެވެ. އެ ހާދިސާއިން އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް ދަތް ވެސް ބިނދިފައިވާއިރު، އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދެއެވެ.
ހާދިސާ ހިނގި ވަގުތު އިތުރު ތިން ސައިކަލެއް ވެސް އެކަމުގައި ބައިވެރިވިކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. ޖެއްސި ސައިކަލު ޓޯކޮށް، އޭގައި ތިބި ދެމީހުން ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މިކަމުގައި ޝާމިލުވި އިތުރު ދެމީހަކާއި ސައިކަލެއް ވެސް ލޮކޭޓްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންނަށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، އޮޕަރޭޝަން މެދުނުކަނޑާ ކުރިއަށް ގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އަޅާ ގާނޫނީ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ