ދިއްލީގައި މުޒާހަރާއަށް ގޮވާލި "ކުރަފި ޕާޓީ"ގެ ބާނީ ހައްޔަރުކޮށްފި

ދިއްލީގައި މުޒާހަރާއަށް ގޮވާލި "ކުރަފި ޕާޓީ"ގެ ބާނީ ހައްޔަރުކޮށްފި

Author
އަހުމަދު
17 އޮކްޓޯބަރ 2026 03:59
0

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މުޒާހަރާކުރުމަށް ގޮވާލި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ބާނީ، 31 އަހަރުގެ އަބީޖީތު ދީޕްކޭ ފުލުހުން ހައްޔަރުކޮށްފިއެވެ.

ދީޕްކޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އިއްޔެ ކޮނޯޓް ޕްލޭސްގައި ބޭއްވުމަށް ހަމަޖެހިފައިވި "ލެހެރާ ދޯ ތިރަންގާ" އެއްވުމަށް ދިއުމަށް ޖަންގްޕުރާގައި ހުރި ގެއިން ނިކުތް ވަގުތުގައެވެ. ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގެ ގޮތުން ހައްޔަރުކުރި އޭނާ، މިއަދު ސްޕެޝަލް އެގްޒެކެޓިވް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ހައްޔަރުކުރުމުގެ ކުރިން، އެ ސަރަޙައްދުގައި އެއްވުންތައް މަނާކުރާ ޤާނޫނުގެ 163 ވަނަ މާއްދާ ހިންގާފައިވާކަން އަންގައި ދިއްލީ ފުލުހުން ދީޕްކޭއަށް ނޯޓިސް ދީފައިވެއެވެ. ނަމަވެސް، އޭނާ ބަންދުކޮށްފައިވާ ތަނެއް އާއިލާއަށާއި ވަކީލުންނަށް ހާމަނުކުރާ ކަމަށް ބުނެ ސީޖޭޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފުލުހުންގެ ފިޔަވަޅުތަކާ އެކުވެސް، ޤައުމީ ދިދަ ހިފައިގެން އެތައް ސަތޭކަ މީހަކު ކޮނޯޓް ޕްލޭސްއަށް އެއްވެ މުޒާހަރާކުރި އިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 150 މީހަކު ފުލުހުން ހިފެހެއްޓިއެވެ. މީގެ އިތުރުން، ސީޖޭޕީގެ ކޯ-ކޮންވީނަރުން ކަމަށްވާ އަޝުތޯޝް ރަންކާ އާއި ސޯރަވް ދާސް، އަމުރުތަކާ ޚިލާފުވި ތުހުމަތުގައި ފަސް ދުވަހުގެ ޖަލު ބަންދަށް ފޮނުވާލައިފިއެވެ.

ވޯޓާސް ލިސްޓަށް ގެނައި ބަދަލުތަކާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނަރު އިސްތިއުފާ ދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން އިންޑިއާގައި މި މުޒާހަރާތައް ކުރިއަށްދަނީ އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެންނެވެ. މި ހާލަތާ ގުޅިގެން، އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި މުޒާހަރާކުރާ މީހުން ހައްޔަރުކުރުމާއި ބާރުގެ ބޭނުންކުރުމުގެ މައްސަލަ އިންޑިއާގެ ވެރިންނާ މަޝްވަރާކުރުމަށް، އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ގޮވާލައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.