މާލޭ ސިޓީ ކައުންސިލުގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ސަރުކާރަށް ނެގީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ކޯޓަށް ހުށަހަޅަން ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމީ ދެން ހަދާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް މިރޭ ބޭއްވި ކައުންސިލުގެ ކުއްލި ބައްދަލުވުމެއްގައެވެ. އެމްޑީޕީގެ ކައުންސިލަރުންގެ މެޖޯރިޓީ އޮންނަ ކައުންސިލުން ބުނަނީ، ސަރުކާރުން ބިންތައް ނެގީ ކައުންސިލާ މަޝްވަރާ ނުކޮށް އަދި ގާނޫނުގައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ބިންތައް ނެގުމުން އެތަންތަނުން ކައުންސިލަށް ލިބޭ އާމްދަނީގެ މަގު ބަންދުވެ، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ދަތިވާނެ ކަމަށެވެ. ލާމަރުކަޒީ ނިޒާމަށް އެހީތެރިވުމަކީ ސަރުކާރުގެ ވާޖިބެއް ކަމުގައި ވީނަމަވެސް، ސަރުކާރުން މިހާރު ކުރަމުންދަނީ އެ ނިޒާމު ހަލާކުކޮށް ހުރިހާ ބާރެއް އެމީހުންގެ އަތްމައްޗަށް ޖަމާކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ.
"މިއީ ސީދާ ރައްޔިތުންނަށް ކުރާ ޖެއްސުމެއް،" އާޒިމް ވިދާޅުވިއެވެ. ކައުންސިލަށް ހޮވަން ވޯޓު ނުދިނުމުން ރައްޔިތުން ދެކެ ރުޅިއައިސްގެން މިކަން ކުރަނީ ކަމަށް ވިދާޅުވެ، ކިތަންމެ ދަތިތަކެއް ކުރިމަތިވިޔަސް ހިދުމަތްތަކަށް ބުރޫއަރަން ނުދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ހައުސިންގ މިނިސްޓްރީން ބުނީ، މާލޭ ސަރަހައްދުގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި އިންފްރާސްޓްރަކްޗަރުގެ މަޝްރޫއުތައް ހިންގުމަށް މި ބިންތައް ނަގާ ކަމަށެވެ. ސަރުކާރުގެ މަޝްރޫއުތަކަށް ބިން ނެގޭގޮތަށް ބިމާބެހޭ ގާނޫނަށް މިފަހުން އިސްލާހު ގެނެސްފައިވީނަމަވެސް، ކައުންސިލުގެ ބިމެއްގައި މަޝްރޫއުއެއް ހިންގަންވާނީ މައުލޫމާތު ކައުންސިލާ ހިއްސާކޮށް، ކައުންސިލުގެ މަޝްވަރާއާއި ރައްޔިތުންގެ ހިޔާލު ހޯދައިގެންނެވެ. ނަމަވެސް އެފަދަ އެއްވެސް ލިޔެކިއުމެއް ސަރުކާރުން ހިއްސާ ނުކުރާ ކަމަށް ކައުންސިލުން ބުނެއެވެ.
ކޮމެންޓު ފޮނުވާ