ކަރަންސީ ސްވޮޕް އެގްރީމެންޓްގެ ދަށުން 30 ބިލިއަން ރުޕީސްގެ އެގްރީމެންޓް އާކުރުމަށް ނިންމުމުން، އިންޑިޔާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރާއި އިންޑިޔާ ސަރުކާރަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ޝުކުރު ދަންނަވައިފިއެވެ.
މި ނިންމުމާއެކު ރާއްޖެއާއި އިންޑިޔާއާ ދެމެދު ދުވަސްވީ ރަހުމަތްތެރި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ކުރިއަށްވެސް ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށް ވިދާޅުވި ވަޒީރު، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި ރައްޔިތުންގެ މަންފާ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް ތައުރީފު ކުރެއްވިއެވެ.
މި ފައިސާ ލިބެނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރުމަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އާރުބީއައި އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ދެމެދު ސޮއިކުރި، ސާކް ގައުމުތަކަށް ހާއްސަ ކަރަންސީ ސްވޮޕް އިންތިޒާމުގެ ދަށުންނެވެ. މި ފެސިލިޓީގެ ދަށުން ފުރަތަމަ ފިޔަވަހީގައި 30 ބިލިއަން ރުޕީސް ދިވެހި ސަރުކާރަށް ލިބުނީ މިއަހަރުގެ އޭޕްރިލް 23 ގައެވެ.
ކޮމެންޓު ފޮނުވާ