ރުކުމަޑި ނައްތާލުމަށް ޤުދުރަތީ ހަތިޔާރެއް: ހަނިމާދޫގައި ޚާއްޞަ ސެންޓަރެއް ހުޅުވައިފި

ރުކުމަޑި ނައްތާލުމަށް ޤުދުރަތީ ހަތިޔާރެއް: ހަނިމާދޫގައި ޚާއްޞަ ސެންޓަރެއް ހުޅުވައިފި

Author
އަހުމަދު
06 އޮގަސްޓް 2026 09:14
0

ދިވެހިރާއްޖޭގެ ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކުދި ރުކުމަޑި (ކޮކޮނަޓް ހިސްޕިޑް ބީޓްލް) ޤުދުރަތީ ގޮތުން ކޮންޓްރޯލް ކުރުމަށްޓަކައި، އެ ސޫފިތަކަށް ހަމަލާދޭ ފަނިފަކުސަ އާލާކުރާ ޚާއްޞަ ސެންޓަރެއް ހަނިމާދޫގައި ހުޅުވައިފި އެވެ.

'ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު’ގެ ނަމުގައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޤާއިމުކުރި މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އެވެ. މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ސެންޓަރު ހުޅުވިގެންދިޔައީ ޗައިނާ ސަރުކާރާއި މަސްވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް"ގެ ދަށުންނެވެ. މި މަޝްރޫޢާ ގުޅޭ އެއްބަސްވުމުގައި ރާއްޖެއާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ސޮއިކޮށްފައިވަނީ 14 ޖުލައި 2025 ގައެވެ.

މި ސެންޓަރުގައި ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ޤާބިލުކަން ހުންނާނެ ކަމަށް ވުޒާރާއިން ބުނެ އެވެ. މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ޕެސްޓްތައް ދެނެގަނެ، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އެ ބަލިތައް ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ. އެގޮތުން، ސެންޓަރުގައި އާލާކުރެވޭ ފަނިފަކުސަ ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރެވިގެންދާނެއެވެ.

ކޮކޮނަޓް ހިސްޕިޑް ބީޓްލް ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅު ސަން އައިލެންޑް ރިސޯޓުންނެވެ. 2000 ވަނަ އަހަރުގެ ކުރީކޮޅު މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އައުމާއެކު، މި ޕެސްޓް ފެތުރުން ހުއްޓުވުމަށާއި ރާއްޖެއިން ނައްތާލުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން، އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (FAO) އާ ގުޅިގެން "އިންޓަގްރޭޓެޑް ޕެސްޓް މެނޭޖްމަންޓް އޮފް ކޮކޮނަޓް ހިސްޕިޑް ބީޓްލް" މަޝްރޫޢު 2003 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އިފްތިތާޙުކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ޕެރަސިޓޮއިޑް ދޫކުރުމުގެ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.

މީގެ އިތުރުން، ރާއްޖެއަށް ރުއް އެތެރެކުރުމުގެ އުޞޫލުތައް ހަރުދަނާކުރުމާއި، އެއް ރަށުން އަނެއް ރަށަށް ރުއް އުފުލުމުގައި ކައުންސިލްތަކުން ސަމާލުކަން ދޭންޖެހޭ ކަންކަން ހިއްސާކުރުމާއި، އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއެކު، ކަރަންޓީންގެ މިންގަނޑުތައް ވެސް ދަނީ ތަންފީޒުކުރަމުންނެވެ.

ނަމަވެސް، މި ޕެސްޓާއި ހުދުކޫޑި ފަދަ ރުއްތަކަށް ޖެހޭ އެހެން ބަލިތައް އެދެވޭ މިންވަރަކަށް ކޮންޓްރޯލްކުރުމުގައި މިހާރުވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވެ އެވެ. އެހެންކަމުން، މި އަލަށް ފެށޭ މަޝްރޫޢާއެކު މިފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލްކޮށް، ނައްތާލުމަށް މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.