މުޖުތަމަޢެއްގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމިއޮންނާނީ، އެ މުޖުތަމަޢުގެ ކަންކަމާ ހަވާލުވެތިބޭ ވެރިން އިޚުލާޞްތެރިކަމާއި ޒިންމާދާރުކަމާ އެކު އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފި އެވެ.
ޚުޠުބާގައި ބުނީ ޤައުމުގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައިފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ދީނީ އަދި ޤައުމީ ވާޖިބެއް ކަމަށެވެ. ހަމައެއާ އެކު، މުޖުތަމަޢުގައި ފެންމަތިވާ ދެކޮޅުވެރިކަމާއި އަރައިރުންވުންތަކުން ދުރުހެލިވެ، އަމިއްލަ މަޞްލަޙަތަށް ވުރެ މުޖުތަމަޢުގެ މަޞްލަޙަތު އިސްކުރުމަށް ވަނީ ގޮވާލައިފަ އެވެ.
އިސްލާމީ މުޖުތަމަޢެއްގެ ބިންގާ އެޅިފައި ވަނީ މަސްއޫލިއްޔަތު އަދާކުރުމާއި، ޒިންމާދާރުވުމާއި، ޢަދުލުއިންޞާފުގެ މައްޗަށް ކަން ފާހަގަކުރައްވާ ޚަޠީބު ވިދާޅުވީ ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށާއި، ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބެންޖެހޭނެ ކަމަށެވެ. ޤައުމުގެ ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ވެސް ޢަދުލުއިންޞާފުގެ މައްޗަށް ކަމަށް ޚުޠުބާގައި ވަނީ ބުނެފަ އެވެ.
ޚުޠުބާގައި އެންމެ ބޮޑަށް ފާހަގަކުރި އެއް ނުކުތާއަކީ، ވަޒީފާ އާއި ރައްޔިތުން ހަވާލުކުރާ މަސްއޫލިއްޔަތުތަކަކީ ބޮޑުވެގެންވާ އަމާނާތެއް ކަމެވެ. ޤިޔާމަތް ދުވަހުން މާތް ﷲ ގެ ޙަޟުރަތުގައި ކޮންމެ މީހަކު ވެސް އޭނާގެ ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށްހިތި ގޮތާއި، މަސްއޫލިއްޔަތު އަދާކުރި ގޮތާ މެދު ވަކިވަކިން ސުވާލުވެވޭނެ ކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ. ޚާއްޞަކޮށް އެކި ފެންވަރުގެ ޒިންމާތަކާ ހަވާލުވެތިބޭ މީހުންނަކީ، އެ ދުވަހުން އެ ކަންކަމާ މެދު އިތުރު ޖަވާބުދާރީވާން ޖެހޭނެ މީހުން ކަން ވެސް ފާހަގަކުރެއްވި އެވެ.
"ޤިޔާމަތް ދުވަހުން މަޙުޝަރުބިމުގައި، އަޅާގެ ޢުމުރު ހޭދަކުރީ ކޮންކަމެއްގައިތޯއާއި، އޭނާގެ ޢިލްމަށް ޢަމަލުކުރީ ކިހިނެއްތޯއާއި، އޭނާ މުދާ ހޯދީ ކޮންފަދަ ގޮތަކުންތޯއާއި، އެ މުދާ ހޭދަކުރީ ކިހިނެއްތޯއާއި، އޭނާ ހަށިގަނޑުގެ ހަކަތަ ހޭދަކުރީ ކޮންކަމެއްގައިތޯ ސުވާލުވެވޭންދެން އޭނާގެ ފައިތިލައި ހުރިތަނުން ގުޑުވައި ވެސް ނުލެވޭނެ،" ޚުޠުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުޠުބާގައި ބުނީ، ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާ އާއި މަޞްލަޙަތަށް ވުރެ އަނެކުންގެ މަޞްލަޙަތު އިސްކުރާ ބައެއް ކަމަށާއި، ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ އީމާންކަމާ ސީދާ ގުޅިފައިވާ ސިފަތަކެއް ކަމަށެވެ. މުޖުތަމަޢުގެ ކުރިއެރުމާއި ތަރައްޤީ ބިނާވެގެންވަނީ ކޮންމެ ފަރުދަކު ވެސް އެ މީހަކާ ހަވާލުވެފައިވާ އަމާނާތް ފުރިހަމައަށް އަދާކުރުމުގެ މައްޗަށް ކަން ޚަޠީބު ފާހަގަކުރެއްވި އެވެ.
ޚުޠުބާ ނިންމާލީ، ޤައުމުގެ ވަޙުދަތާއި އެއްބައިވަންތަކަން ދެމެހެއްޓޭނީ ދެކޮޅުވެރިކަމާއި އަރައިރުންވުންތަކުން ދުރުހެލިވެ، ކޮންމެ ފަރުދަކު ވެސް އެ މީހެއްގެ މަސްއޫލިއްޔަތު ޒިންމާދާރު ގޮތެއްގައި އަދާކޮށްގެން ކަން ހަނދާންކޮށްދެމުންނެވެ.
ކޮމެންޓު ފޮނުވާ