ހުސްވެފައިވާ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން އިއްޔެ ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަންނާނީ އިއްޔެއިން ފެށިގެން އަންނަ އޮގަސްޓު މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ކަމަށެވެ. އަދި މި މުއްދަތުގައި ފޯމު ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12 ޖެހުމާ ހަމައަށް ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ނުވަތަ އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފާޠިމަތު އަމީޒާ ޓެކްސް ކޮމިޝަނަރުކަމުގެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު އައްޔަންކުރެއްވުމުންނެވެ. އަމީޒާ ޓެކްސް ކޮމިޝަނަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން، އެ މަގާމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ.
މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ އަމީޒާއަކީ 2010 ވަނަ އަހަރު މީރާ އުފެދުނީއްސުރެ އެ އިދާރާގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުކަމުގެ އިތުރުން، އެސިސްޓަންޓް ޓެކްސް ކޮމިޝަނަރުކަމުގެ މަގާމުވެސް އަމީޒާ ވަނީ ފުރުއްވާފައެވެ.
ތަޢުލީމީ ގޮތުން އަމީޒާ ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ އިން މާސްޓާ އޮފް ސައިންސް އިން އެކައުންޓިން، އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން ބެޗެލާސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިން ޙާޞިލު ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ