މާލެއާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް އެއްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ މި މަޝްރޫޢުގެ އިދާރީ މަރުޙަލާތައް މިހާރު ވަނީ އެއްކޮށް ނިމިފައި ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި، އެންމެ ލަސްވެގެންވެސް އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވިގޮތުގައި މި މަޝްރޫޢަކީ ހަމައެކަނި މަގުތަކުގައި ތާރު އެޅުމަށް ހިންގޭ މަޝްރޫޢެއް ނޫނެވެ. މަގުތަކުގެ އަޑީގައި ޒަމާނީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ނިޒާމެއް ޤާއިމުކޮށް، މާލެއަށް އަހަރުތަކެއް ވަންދެން ދިމާވަމުންދާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަކީ މި މަޝްރޫޢުގެ އެންމެ މުހިންމު އެއް ބައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޢިމާރާތްކުރުމުގެ މަސައްކަތްތަކަށް ޚާއްޞަކޮށްގެން ޑީވޯޓަރިންގ ސިސްޓަމެއް ޤާއިމުކުރުމާއި، އަލިފާނުގެ ޙާދިސާތަކުގައި ބޭނުންކުރެވޭނެ ފަޔަރ ހައިޑްރަންޓް ނިޒާމެއް މަގުތަކުގައި ޤާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
މާލޭގެ މަގުތައް އެއްކޮށް ތަރައްޤީކުރުމުގެ މިފަދަ ބޮޑު މަޝްރޫޢެއް އެންމެ ފަހުން ހިންގާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ އޭގެ ފަހުން ފާއިތުވި ދިގު މުއްދަތުގައި މަގުތައް ބަލަހައްޓަންޖެހޭ ފެންވަރުގައި ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ކަމަށެވެ. މީގެ ކުރިން ހިންގި އަމީނީމަގުގެ މަޝްރޫޢުވެސް ގޮސްފައިވަނީ ވަރަށް ދަށް ފެންވަރެއްގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢު ނިމުމުން މާލޭގެ ހަނި ގޯޅިތަކުގައި ހިނގާބިނގާވެ އުޅުމުގައި ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، ވެރިރަށަށް ދިމާވެފައިވާ ޕާކިންގ މައްސަލައަށްވެސް އެދެވޭ ޙައްލުތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ތަޞައްވުރަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިކަމާއި ފެންބޮޑުވުމުގެ ތަކުލީފުތަކަށް ދާއިމީ ނިމުމެއް ގެނައުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ