ރިޝްވަތަކީ މުޖުތަމަޢު ހަލާކުކޮށްލާ ބޮޑު ފާފައެއްކަން ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފި

ރިޝްވަތަކީ މުޖުތަމަޢު ހަލާކުކޮށްލާ ބޮޑު ފާފައެއްކަން ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފި

Author
އަހުމަދު
03 ޖުލައި 2026 02:45
0

ރިޝްވަތު ދިނުމާއި ހިފުމަކީ މާތް ނަބިއްޔާ ﷺ ލަޢުނަތްލައްވާފައިވާ ބޮޑު ފާފައެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

"ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން" މި މައުޟޫޢަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާގައި ބުނެފައިވަނީ، މުޖުތަމަޢުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތު ކަމަށެވެ. ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާޠިލުކަމެއް ޙައްޤުކަމަކަށް ހެދުމަށް ދެވޭ ކޮންމެ އެއްޗެއްކަން ފާހަގަކޮށް، ކިތަންމެ ކުޑަ މަސްއޫލިއްޔަތެއް ޙަވާލުވެފައިވާ މީހަކު ނަމަވެސް، ތިނޯހެއްގެ މިންވަރު ވަންހަނާކޮށްފިނަމަ އެއީ ޤިޔާމަތް ދުވަހުން ޖަވާބުދާރީވާންޖެހޭނެ ބޮޑުވެގެންވާ ޚިޔާނާތެއްކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން، ކޮރަޕްޝަނުގެ ސަބަބުން އިޖުތިމާޢީ ޢަދުލުވެރިކަން ނެތިވެ، ފަޤީރުކަން އިތުރުވެ، ޤައުމުގެ އިޤުތިޞާދުގެ ތަނބުތައް ފުނޑުފުނޑުވެގެންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ރިޝްވަތުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން ޢާންމުވެ، ޤައުމުގެ ތަރައްޤީއަށް ބޮޑެތި ހުރަސްތަކެއް އެޅޭކަމަށްވެސް ބުނެފައިވެއެވެ. ބާޠިލު ގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށް މާތް ﷲ އަންގަވާފައިވާކަން ބަޔާންކޮށްދެމުން ޚުޠުބާގައި ބުނީ، މިފަދަ ނުބައި ޢަމަލުތަކަށް މަގުފަހިވާ މައިގަނޑު ސަބަބަކީ އިންސާނާގެ ނަފުސުގައިވާ ދަހިވެތިކަން ކަމަށެވެ.

ޙަޤީޤީ މުއްސަނދިކަމަކީ މުދާ ގިނަވުން ނޫންކަމާއި، އެއީ ނަފުސުގެ ފުދުންތެރިކަންކަން ހަނދާންކޮށްދެމުން، އަމާނާތްތެރިކަމަކީ މުއުމިނުންގެ ސިފައެއް ކަމަށާއި ޚިޔާނާތްތެރިވުމަކީ މުނާފިޤުންގެ ޢަލާމާތެއްކަން މިއަދުގެ ޚުޠުބާގައި ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ނަހަމަ މަންފާތަކާ ދުރުހެލިވެ، ޒިންމާދާރުކަމާއެކު ޙައްޤުތައް އަދާކުރުމަށް ހުރިހާ މުސްލިމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.