ހދ. ހިރިމަރަދޫގެ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު، ހިރިމަރަދޫ ބެލެހެއްޓުމާ ހަވާލުވެފައިވާ ހަނިމާދޫ ކައުންސިލުން ހުޅުވާލައިފި އެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ، ހިރިމަރަދޫ މީހުންގެ ތެރެއިން ހޯރަފުއްޓަށް އަންނަން ބޭނުންވާ މީހުންނަށް ގޯތި ދިނުމަށް ހޯރަފުށީގެ ކުރީގެ ކައުންސިލުން މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު ނިންމާފައިވާ ނިންމުމަކާ ގުޅިގެންނެވެ. ހަނިމާދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، އިއްޔެއިން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު އޮންނާނެއެވެ.
ނަން ނޯޓުކުރަން ބޭނުންވާ ފަރާތްތަކުން ހަނިމާދޫ އަވަށު އޮފީހަށް (ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ) ނުވަތަ ހަނިމާދޫ ކައުންސިލަށް ހާޒިރުވެގެން އެކަން ކުރެވޭނެއެވެ. އަދި ކައުންސިލްގެ ފޯނު ނަމްބަރު 4002064 އަށް ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށްވެސް ނަން ނޯޓުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މިކަމާ ގުޅޭގޮތުން ހޯރަފުށީގެ އާ ކައުންސިލުން އަދި ރަސްމީކޮށް މަޝްވަރާކޮށްފައި ނުވި ނަމަވެސް، ބަދަލުވާން ބޭނުންވާ މީހުންގެ އަދަދަށް ބަލައި އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ހިރިމަރަދޫއަކީ އާބާދީގައި އެންމެ 293 މީހުން ދިރިއުޅޭ، ހދ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށެވެ. އެ ރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން، ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން މިދިޔަ އަހަރު ނިންމާފައިވެއެވެ. އަދި މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އެ ރަށުގެ އިދާރީ ހިންގުން ހަނިމާދޫ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ