ކޭ-ޕާކް މައްސަލަ: ހަމްބޯ ކުންފުނި ވުޖޫދުން ގެއްލި، އެޗްޑީސީއާ ބައްދަލުކުރަން ވަކީލުން އެދިއްޖެ

ކޭ-ޕާކް މައްސަލަ: ހަމްބޯ ކުންފުނި ވުޖޫދުން ގެއްލި، އެޗްޑީސީއާ ބައްދަލުކުރަން ވަކީލުން އެދިއްޖެ

Author
އަހުމަދު
01 ޖޫން 2026 09:15
0

ކޭ-ޕާކް ފްލެޓްތަކުގެ މައްސަލައިގައި ޝާމިލްވާ "ހަމްބޯ ލިމިޓެޑް" ވުޖޫދުން ގެއްލިފައިވާތީ، އެ މައްސަލައިގައި ގެއްލުންވި ފަރާތްތަކުގެ ހައްގުތައް ހޯދައިދިނުމަށް އެޗްޑީސީއާ ބައްދަލުކުރަން ވަކީލުން އެދިއްޖެ އެވެ.

ގިނަ ބަޔަކު ފައިސާ ދައްކާފައިވާ ކޭ-ޕާކް އެޕާޓްމެންޓްތައް ހަވާލުކުރުމަށާއި ބަދަލު ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވީ ނަމަވެސް، އެކަން ތަންފީޒުކުރާނެ ކުންފުންޏެއް މިހާރު ނެތެވެ. ގެއްލުންވި ފަރާތްތަކުގެ ތެރެއިން ބައެއް މީހުން ތަމްސީލުކުރާ އެޑްވަކަސީ ޗެމްބާސް އިން ބުނެފައިވަނީ ހަމްބޯ ކުންފުނި މިހާރު ވުޖޫދެއްގައި ނެތް ކަމަށެވެ. އެހެންކަމުން، މި މައްސަލައަށް ހައްލެއް ހޯދުމަށް އެޗްޑީސީގެ އިސްވެރިންނާ ބައްދަލުކުރުމަށް އެ ލޯ ފާމުން ވަނީ ސިޓީއަކުން އެދިފަ އެވެ. ނަމަވެސް މިހާތަނަށް އެ ބައްދަލުވުން ހަމަޖެހިފައެއް ނުވެ އެވެ.

މި ބޮޑު މަކަރާއި ހީލަތުގެ މައްސަލައިގައި ހަމްބޯ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 104 ދައުވާއެއް ސާބިތުވެ، 390 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. މީގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި އޭނާ 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ހުޅުމާލެއިން އޭނާ ގަނެފައިވާ އަގުބޮޑު ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ. އަދި އޭނާއާއެކު މިކަމުގައި އިދާރީ ގޮތުން ބައިވެރިވި ޖައިޝާން ސައީދު ވެސް 159 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މީހެއްގެ މައްޗަށް އިއްވި އެންމެ ދިގު ޖަލު ހުކުމްތަކެވެ. އެ ކުންފުނި ކޯޓަށް ހާޒިރުނުވާއިރު، ފައިސާ ދެއްކި އާންމުންނަށް ވަނީ އިންސާފު ނުލިބި ދިގުލައިގެން ގޮސްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.