ދިވެހިރާއްޖޭގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 10 ވަޒީރަކު މިއަދު މަޤާމުން އިސްތިޢުފާ ހުށަހަޅުއްވައިފިއެވެ. މި ބޭފުޅުން އިސްތިޢުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ފުރުޞަތު ދެއްވުމުގެ ގޮތުން ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
އެއްފަހަރާ 10 ވަޒީރަކު އިސްތިޢުފާ ހުށަހެޅުއްވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އެ ބޭފުޅުންގެ އިސްތިޢުފާ ޤަބޫލުފުޅުކުރައްވާފައެވެ. ސަރުކާރުގެ އިސް މަޤާމުތަކުން މި ބޭފުޅުން ދުރަށް ވަޑައިގަތީ، ސީދާ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރުމަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނައުމަށް ރައީސަށް މަގުފަހިކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައެވެ. މި ވޭތުވެދިޔަ ދުވަސްތަކުގައި މި ވަޒީރުން ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ރައީސް ވަނީ އެ ހުރިހާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ގޮތެއްގައި ޝުކުރު އަދާކުރައްވާފައެވެ.
މިއަދު މަޤާމުން ދުރަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ ވަރަށް މުހިންމު ވުޒާރާތަކެއް ހިންގަވަމުން ގެންދެވި ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫނާއި، ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލާއި، ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމާއި، ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރ އާދަމް ނަޞީރު އިބްރާހީމާއި، އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާގެ އިތުރުން ޔޫތު މިނިސްޓަރ އިބްރާހީމް ވަޙީދާއި، ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ އިސްތިޢުފާ ދެއްވާފައެވެ.
މި ވަޒީރުންގެ އިސްތިޢުފާއާއެކު، ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ވަނީ ޔަޤީންވެފައެވެ. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ސަރުކާރުގެ އޮނިގަނޑު ބައްޓަންކުރުމަށް އިސްކަންދީގެން، ހުސްވި މަޤާމުތަކަށް އައު ބޭފުޅުން ޢައްޔަންކުރުމާއި ވުޒާރާތަކަށް ގެންނަވާ ބަދަލުތަކުގެ ތަފްޞީލުތައް ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހާމަކުރާނެކަމަށް އުންމީދުކުރެވެއެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ނިންމުމަށް ސަރުކާރުން އަބަދުވެސް ވަކާލާތުކުރާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ އެއްގޮތަށް ސިޔާސަތުތައް ތަންފީޛުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ