ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރިއަށް އޮތް މަހުގެ ތެރޭގައި ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެ ގައުމުގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
ލަންކާގެ ނޫސްތަކުން މި ދަތުރުފުޅުގެ ވާހަކަ ރިޕޯޓުކުރި ނަމަވެސް، ރައީސް ވަޑައިގަންނަވާނެ ސީދާ ތާރީޚެއް އަދި ދިވެހި ސަރުކާރުން މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް މިހާތަނަށް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، މި ދަތުރުފުޅަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް މިހާރުވެސް ދަނީ މުހިންމު މަޝްވަރާތަކެއް ކުރެވެމުންނެވެ.
މިގޮތުން، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދާދި ފަހުން ވަނީ ލަންކާގެ މަސްވެރިކަމާ ބެހޭ ވަޒީރާ ބައްދަލުކުރައްވާފައެވެ. ރިޕޯޓްތައް ބުނާގޮތުން މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރައީސްގެ ދަތުރުފުޅުގެ ތައްޔާރީތަކުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ.
މަސްވެރިކަމުގެ އިތުރުން، ވިޔަފާރީގެ ރޮނގުން ގުޅުން ފުޅާކުރުމަކީވެސް މި ދަތުރުފުޅުގެ މުހިންމު އަމާޒެއްކަމަށް ބެލެވެއެވެ. ލަންކާއަކީ މިހާރުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެކްސްޕޯޓުކުރާ ގައުމަކަށްވާއިރު، ރާއްޖެއަށް މިނިވަންކަން ލިބުނު 1965 ވަނަ އަހަރުން ފެށިގެން ދެ ގައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް، އެކުވެރި ޚާރިޖީ ގުޅުމެކެވެ.
ކޮމެންޓު ފޮނުވާ