ސިއްޙީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަންޖެހޭ: ރައީސް

ސިއްޙީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަންޖެހޭ: ރައީސް

Author
ޙަސަން މުޙައްމަދު
07 އޭޕްރިލް 2026 01:54
0

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން، ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ސައިންސާއި ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ފާހަގަކުރެއްވީ، ސިއްހީ ދާއިރާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައިންޓިފިކް އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. އަދި ސިއްހީ ސިޔާސަތުތަކާއި ފިޔަވަޅުތައް ބިނާވާންޖެހޭނީ ސާބިތުވެފައިވާ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ކަމަށްވާއިރު، އެކަން އެގޮތަށް ކުރުމަށްޓަކައި ދިރާސާތަކަށް ކުރާ ހޭދަ އިތުރުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންސާނުންނާއި ޖަނަވާރުންގެ އިތުރުން ތިމާވެށީގެ ދުޅަހެޔޮކަން ގުޅިލާމެހިފައިވާކަން އަންގައިދޭ "ވަން ހެލްތު" ސިޔާސަތުގެ އަސާސަކީވެސް ސައިންސްކަމުގައި ވާންޖެހޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމު ބައްޓަންކުރުމުގައި އިލްމީ މައުލޫމާތަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވައި، ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް ފުޅާކުރުމުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އެޕްރީލް 7 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހަކީ 1948 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ވުޖޫދަށް އައި މުނާސަބަތާ ގުޅުވައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.