މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އަމަލުކުރާނީ ސިޔާސީ ގޮތަކަށް ނޫންކަމަށާއި، އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ނިކަމެތިންނަށް އިސްކަންދެއްވާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 3،260 ހައުސިން ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 1،190 ޔުނިޓުގެ އަމަލީ މަސައްކަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވަނީ، ބައެއް ރައްޔިތުން އުޅެމުންދާ ދަތި ހާލަތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ޒިޔާރަތްކުރެއްވި ގެއެއްގައި މީހުން ދިރިއުޅެމުންދާ ދަތި ހާލަތު ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ ފަދަ ޖީޑީޕީ މަތި ގައުމެއްގައި ރައްޔިތުން އެފަދަ ނިކަމެތި ހާލެއްގައި އުޅެންޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގިނަ ފަހަރަށް އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވާ ފަރާތްތަކަކީ ފޯމުލާން ނޭނގޭ ނުވަތަ ލިޔެކިޔުން ހަމަނުކުރެވޭ ފަރާތްތައް ކަމަށްވާއިރު، އެފަދަ ފަރާތްތައް ހޯދައި އެހީތެރިވުމަށްޓަކައި "ޕްރައޯރިޓީ ސޯޝަލް ހައުސިން ރެޖިސްޓްރީ" އެއް އެކުލަވާލުމުގެ އިދާރީ މަސައްކަތް މިހާރު ފަށާފައިވާކަން އޭނާ ހާމަކުރެއްވިއެވެ.
މުއްތަލިބު ވިދާޅުވީ އޯގާތެރި ސަރުކާރަކުން ރައްޔިތުން ސަލާންޖަހަން ނުބައިތިއްބާނެ ކަމަށާއި، ކޮންމެ މީހެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން، ބީއެމްއެލްއާ ގުޅިގެން ކުރިއަށްގެންދާ "އެފޯޑަބަލް ހައުސިންގ" މަޝްރޫއަކީ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ "ލީސް-ޓު-އޯން" އުސޫލުން ހުޅުމާލެ އާއި ވިލިމާލޭގައި ކުރިއަށްގެންދާ ފަހި މަޝްރޫއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ