ރ. އުނގޫފާރު ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އުނގުލަށް ހަމައެކަނި އެރަށު މީހުންނަށް އެރޭގޮތަށް ކުރިން އޮތް ނިންމުން ބަދަލުކޮށް، ބިދޭސީންވެސް ހިމެނޭހެން އެންމެނަށް އެ ރަށަށް އެރޭގޮތަށް ހުއްދަ ދީފިއެވެ.
މި ނިންމުން ބަދަލުކޮށްފައިވަނީ ކުރީގެ އުސޫލާ ގުޅިގެން އާންމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ، ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފްވެސް އެކަން ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައި ވަނިކޮށެވެ. އުނގޫފާރު ކައުންސިލުން ގެޒެޓުކުރި އާ އިއުލާނުގައިވާ ގޮތުން، އެރަށާމެދު އަމަލުކުރާނެ ދާއިމީ އުސޫލެއް ކަނޑައެޅެންދެން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:30 އިން ހަވީރު 5:00 އަށް އެ ރަށަށް އެރޭނެއެވެ. ނަމަވެސް އެކަމަށްޓަކައި ޚާއްސަ ގޫގުލް ފޯމެއް މެދުވެރިކޮށް ކައުންސިލަށް އަންގަން ޖެހޭނެއެވެ.
ރަށަށް އެރުމަށްފަހު އަމަލުކުރަންޖެހޭ ވަކި ޝަރުތުތަކެއް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ކާށި ހޮވާނަމަ ކޮންމެ ހަތަރު ކާއްޓަކުން އެއް ކާށި ކައުންސިލާ ހަވާލުކުރަންޖެހޭއިރު، ރުކަށް އެރުމާއި ދަނޑިބޭނުންކޮށްގެން ކާށި އެޅުމާއި ގަސްގަހާގެހި ކެނޑުމަކީ މަނާކަމެކެވެ. ކައުންސިލަށް ލިބޭ ކާށި އުނގުލުން 5 ރުފިޔާއަށް އަދި އުނގޫފާރުން 7 ރުފިޔާއަށް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކަށިކެޔޮގަނޑެއް 100 ރުފިޔާއަށް ގަނެވޭއިރު، ކުއްޅަވައް، ފަން އަދި މިދިލިއޮށް ފަދަ ތަކެތި އެއްވެސް އަގަކާ ނުލައި ހިލޭ ހޮވޭނެއެވެ.
ކައުންސިލްގެ ހުއްދަނެތި އުނގުލަށް އެރުން މަނާކޮށްފައިވާއިރު، މިއީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. ނަމަވެސް 1990 ވަނަ އަހަރުގެ ކުރީކޮޅު، ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އެރަށުގެ ރައްޔިތުން ވަނީ ރ. ހުޅުދުއްފާރަށް ބަދަލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ