ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ރ. އުނގުލަކީ އުނގޫފާރުގެ އިހްތިސާސްގައި ހިމެނޭ ރަށެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން، އެ ރަށަށް އަރައި ފޭބުމުގެ ހާއްސަ އުސޫލުތަކެއް އުނގޫފާރު ކައުންސިލުން އެކުލަވާލައިފިއެވެ.
އެ ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، އުނގުލާ މެދު އަމަލުކުރާނެ ދާއިމީ އުސޫލެއް އެކުލަވާލެވެންދެން އެރަށަށް އެރުމުގެ ހުއްދަ ދެން ލިބޭނީ ހަމައެކަނި އުނގޫފާރުގެ ރަށްވެހިންނަށާއި، އެ ރަށު މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންގެ އިތުރުން އެ ފަރާތްތަކުގެ ދަރިންނަށެވެ. އެރަށަށް ދާން ބޭނުންވާ ފަރާތްތަކުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކައުންސިލްގެ ގޫގުލް ފޯމެއް ފުރިހަމަކުރަން ޖެހޭނެއެވެ. އަދި ހުއްދަ ލިބޭ ފަރާތްތަކަށް ރަށަށް އެރޭނީ ހަމައެކަނި ހޮނިހިރު ދުވަހުގެ ހެނދުނު 7:30 އިން ހަވީރު 5:00 އަށެވެ.
މީގެ އިތުރުން، އެރަށުން ހޮވާ ކޮންމެ ހަތަރު ކާއްޓަކުން އެއް ކާށި ކައުންސިލާ ހަވާލުކުރަން ޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ކައުންސިލުން މި ކާށި ވިއްކުމަށް ނިންމާފައިވަނީ އުނގުލުން ގަންނަ ނަމަ ފަސް ރުފިޔާއަށް އަދި އުނގޫފާރުން ގަންނަ ނަމަ ހަތް ރުފިޔާއަށެވެ. ނަމަވެސް، ކާށި ފިޔަވައި ކުއްޅަވައް، ފަން އަދި މިދިލި އޮށް ފަދަ ތަކެތި ހިލޭ ނެގޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މި އުސޫލުގެ ދަށުން ރުއްގަހަށް އެރުމާއި، ގަސް ކެނޑުމާއި، ދިގު ދަނޑި ބޭނުންކޮށްގެން ރުކުން އެޅުން ވަނީ މަނާކޮށްފައެވެ. އަދި ރަށުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ. ކައުންސިލްގެ ރަސްމީ ހުއްދައާ ނުލައި އުނގުލަށް އަރައި ފައިބާ މީހުންނާމެދު ގާނޫނީ އުސޫލުތަކުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އެ އިއުލާނުގައި ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ