ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުޙައްމަދު އަޖީބުގެ ކެމްޕެއިން ވެބްސައިޓާއި މެނިފެސްޓޯ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ތިނަދޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އަޖީބުގެ މެނިފެސްޓޯ އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މިއަދު އާންމުކުރި ވެބްސައިޓް މެދުވެރިކޮށް ކެންޑިޑޭޓުގެ ތަޢާރަފެއްގެ އިތުރުން، ކެމްޕެއިންގެ އެކިއެކި ޙަރަކާތްތަކާއި މެނިފެސްޓޯގެ އެންމެހާ ތަފްސީލުތައް ފަސޭހައިން ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އަޖީބުގެ ކެމްޕެއިން މެނިފެސްޓޯ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ މުހިންމު އަށް ދާއިރާއެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ޢިލްމީ ސިކުނޑިތަކަކުން ފާގަތި މުސްތަޤުބަލެއް ބިނާކުރުމާއި، ގޭދޮށުން ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމާއި، ދެމެހެއްޓެނިވި ދިރިއުޅުމަކަށް ފެހި ސިޓީއެއް ބިނާކުރުން ހިމެނެއެވެ. މީގެ އިތުރުން ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމާއި، އިސްލާމީ ޝަޚްޞިއްޔަތު ވަރުގަދަކުރުމާއި، ފަތުރުވެރިކަމުގެ ނަފާ ރަށަށް ހޯދައިދިނުމުގެ އިތުރުން ވަޒީފާއާއި ކުރިއެރުމުގެ ފުރުޞަތުތައް އެންމެންނަށް ތަނަވަސްކޮށްދިނުންވެސް ހިމެނެއެވެ. މި ހުރިހާ ދާއިރާއަކަށް އަމާޒުކޮށްގެން ތިނަދޫގެ ތަރައްޤީއަށް އަޖީބު ގެންގުޅުއްވާ ތަޞައްވުރު މިއަދު ނެރުނު މެނިފެސްޓޯގައި ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައިވެއެވެ.
ކޮމެންޓު ފޮނުވާ