މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެ: ރައީސް

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެ: ރައީސް

Author
އަހުމަދު
23 މާރޗް 2026 01:44
0

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަސާސީ ކާބޯތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ހަނޑުލާއި ހަކުރު އަދި ފުށް ފަދަ ތަކެތި ރާއްޖެއަށް ގެނައުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ހަނގުރާމައިގެ ކުރިންވެސް ހުރި މިންވަރަށް މިހާރުވެސް ސްޓޮކް ހިފެހެއްޓެމުންދާ ކަމަށާއި، މިތަކެތީގެ އަގުވެސް އުފުލިގެން ނުދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ކަންކަން ރާވަމުންދާ ކަމަށެވެ. މިގޮތުން، ތެލުގެ ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކާ ގުޅިގެން، ގައުމުގެ އިގްތިސާދަށް ގެއްލުން ނުވާނެހެން ތެލުގެ ކަންކަން މެނޭޖުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރާއްޖެއަށް ކޮށްފާނެ ކޮންމެ އަސަރަކަށް ސަމާލުވެ، އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ގެންދާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.