ރޯދަ މަހު މަގުމަތީގައި ކައިބޮއި ހެދި ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ރޯދަ މަހު މަގުމަތީގައި ކައިބޮއި ހެދި ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

Author
ޙަސަން މުޙައްމަދު
19 ފެބްރުއަރީ 2026 05:35
0

މިއަހަރުގެ ރަމަޟާން މަހުގެ ދުވާލު ވަގުތު، އާންމު ތަނެއްގައި ކައިބޮއި ހެދި މައްސަލައެއްގައި ދިވެހި ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 25 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެކެވެ. މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 25 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް އަދި 41 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ދީފައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މީގެ ތެރެއިން 25 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ރޯދަ މަހު ދުވާލު ގަޑީގައި މަގުމަތީގައި ޗުއިންގަމް ކައިގެން އުޅެނިކޮށެވެ. އަދި މި މައްސަލައިގައި ހިމެނޭ ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް ކުރިންވެސް އޮންނަ ބައެއްކަން ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ރަމަޟާން މަހުގެ ދުވާލު ވަގުތު ޝަރުޢީ އުޒުރެއް ނެތި އާންމު ތަންތަނުގައި ކެއުމާއި، ބުއިމާއި އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 611 ވަނަ މާއްދާގެ ދަށުން ކުށެކެވެ. އެއީ ޖުނަޙްގެ 3 ވަނަ ދަރަޖައިގެ ކުށެއް ކަމަށްވާއިރު، އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ނަމަވެސް، ކުށުގެ ހާލަތަށް ބަލައި މި އަދަބު ލުއިކުރުމުގެ ނުވަތަ ބަދަލުކުރުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ ކުރުން ނުވަތަ މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ކުރުން ފަދަ އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ގާނޫނުން ފަނޑިޔާރަށް ލިބިދީފައިވެއެވެ. މީގެ އިތުރުން، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންވެސް މިފަދަ އަމަލުތަކަށް ފިޔަވަޅު އެޅިދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.