އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަކީ އެ ގައުމުގެ ދައުލަތުގެ މިލްކު ކަމަށް ކަނޑައެޅުމަށް ނިންމި ނިންމުން، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ މި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި މިއީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް، ޣައިރު ގާނޫނީ ވަޒަންވެރިވުން ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ހިންގާ ޖަރީމާއެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދެކޭކަމަށް އެ ބަޔާނުގައި ވެއެވެ.
ސަރަހައްދީ ސުލްހަ ގާއިމުކުރުމަށް އޮތް ބޮޑު ހުރަހަކަށް މިފަދަ އަމަލުތައް ވެގެންދާނެކަން ފާހަގަކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލުމެއް ވެސް ގޮވާލާފައެވެ. އެގޮތުން، އިޒްރޭލުގެ ގާނޫނާ ޚިލާފު އަމަލުތައް ހުއްޓުވައި، އދ. ގެ ގަރާރުތައް ނެގެހެއްޓުމަށްޓަކައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ އެދިފައެވެ.
މީގެއިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤު ލިބިދިނުމަށާއި، އެ ރައްޔިތުންގެ ގާނޫނީ ޙައްޤުތައް ހޯދުމަށް ކުރާ މަސައްކަތަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާކަން ސަރުކާރުން ވަނީ ތަކުރާރުކޮށްފައެވެ. އަދި މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތުގައި، ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ބަޔާނުގައި ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ