ހުޅުމާލޭ ކޭ-ޕާކް ރެޒިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކި މައްސަލައިގައި އުމުރު ދުވަހަށްވުރެ ދިގު ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ރ. އަލިފުށީ ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް ދަރަނީގެ މައްސަލައެއް ސާބިތުވެ، ބޭންކަށް ދައްކަން ޖެހޭ ފައިސާތަކެއް އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މަކަރާއި ހީލަތުގެ ބޮޑު މައްސަލަގަނޑެއްގެ ތެރެއިން 159 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ޖައިޝާންގެ މައްޗަށް މި ހަފުތާގައި ސިވިލް ކޯޓުން ހުކުމް ކުރީ، އޭނާ ބޭންކަކުން ނަގާފައިވާ 300،000 ރުފިޔާގެ ލޯނެއް އެއްބަސްވުމާ އެއްގޮތަށް ނުދައްކާ އޮތުމުންނެވެ. އޭނާގެ ޣައިރު ހާޒިރުގައި ކޯޓުން ކުރި ހުކުމުގައި ވަނީ، ލޯނުގެ ބާކީ ނުދައްކާ އޮތް 188،819 ރުފިޔާ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށެވެ.
ޖައިޝާން މިވަގުތު ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނީ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލި 95 ދައުވާގެ ތެރެއިން 86 ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވި 159 އަހަރުގެ ޖަލު ހުކުމުގެ ތެރޭގައި؛ ޓެކުމުގައި ބައިވެރިވުމުގެ 45 ދައުވާއަކަށް 139 އަހަރު، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާއަކަށް 13 އަހަރު އަދި މަނީ ލޯންޑްރިންއަށް އެހީވުމުގެ ކުށުގައި 5 އަހަރުގެ ޖަލު ހުކުމް ހިމެނެއެވެ. މީގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި ތިން ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ވެސް ވަނީ ކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ވެސް ދައުލަތުން ވަނީ ގިނަ ދައުވާތަކެއް ކޮށްފައެވެ. އެގޮތުން މަންޑޭގެ މައްޗަށް 94 ދައުވާއެއް ސާބިތުވެ، ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް މީހެއްގެ މައްޗަށް އިއްވި އެންމެ ދިގު ޖަލު ހުކުމް ކަމަށްވާ 397 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މަންޑޭގެ މައްޗަށް ކުރި ހުކުމުގައި 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި، ކުށްކޮށްގެން ހޯދި ފައިސާއިން ހުޅުމާލޭގައި އޭނާ ގަނެފައިވާ އަގުބޮޑު ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ