ހދ. ހަނިމާދޫ ކައުންސިލް އިދާރާއިން 2023 ވަނަ އަހަރު އެކްސްކަވޭޓަރެއް ގަތުމަށް ހިންގި މުއާމަލާތަކީ، ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ބޭނުމުގައި ހިންގާފައިވާ އަމަލެއްކަމަށް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ. އޮޑިޓަ ޖެނެރަލް ސޮއިކުރައްވައި ނެރުއްވާފައިވާ ހަނިމާދޫ ކައުންސިލްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މި ވެހިކަލް ގަތުމަށް ކައުންސިލުން ވަނީ 972،972 ރުފިޔާ ޚަރަދުކޮށްފައެވެ.
މި މުއާމަލާތުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ފާހަގަކުރައްވައި ރިޕޯޓުގައި ބުނެފައިވަނީ، އެކްސްކަވޭޓަރު ގަތުމަށް ބީލަމަށް ހުޅުވާލިއިރު ބިޑް ޑޮކިއުމަންޓްގައި ވަކި ބްރޭންޑެއް ކަނޑައަޅާފައިވާ ކަމަށެވެ. މީގެ ސަބަބުން ގިނަ ބަޔަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހަނިވެ، ވާދަވެރި މާހައުލެއްގައި ބިޑްކުރުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ބީލަން އިއުލާނުކޮށްފައިވަނީ އެންމެ 10 ދުވަހުގެ ތެރޭގައި އެކްސްކަވޭޓަރު ހޯދައި ހަވާލުކުރާ ގޮތަށް ކަމަށްވާއިރު، އެ މުއްދަތަކީ އެފަދަ އެއްޗެއް ރާއްޖެއިން ބޭރުން ގެނެސް ފޯރުކޮށްދެވޭނެ މުއްދަތެއް ނޫންކަންވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި ބީލަމުގައި ޖުމްލަ 3 ކުންފުންޏަކުން ބައިވެރިވެފައިވާއިރު، ބީލަން ކާމިޔާބުކުރި ކުންފުނިން ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރިތާ އެއްދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއަށް އެކްސްކަވޭޓަރު ހަވާލުކޮށްދީފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއެވެ. މިއީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ރާވައިގެން ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ، މި މައްސަލަ އިތުރަށް ބެލުމަށް އޮޑިޓަ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.
އެގޮތުން، ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ވަކިބަޔަކަށް މަންފާވާގޮތަށް ކަމަށްވާތީ، ކަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އިންތިޒާމެއްގެ ތެރެއިން މި މައްސަލަ ތަހުގީގު ކުރުމަށް ރިޕޯޓުގައި ގޮވާލާފައިވެއެވެ. އަދި މައްސަލަ ބެލުމަށްފަހު، އޭގެ ތެރޭގައި ޖިނާއީ ކުށެއް ހިމެނޭނަމަ، އެކަން ތަހުގީގީ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.
ކޮމެންޓު ފޮނުވާ