ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލި އައު ޕޭ ފްރޭމްވޯކްގެ ސަބަބުން ލީގަލް އޮފިސަރުންގެ މުސާރަ ކުޑަވެ، އެކަމުގެ ޝަކުވާތަކާއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ސްޕޮންސަރކުރައްވައި ހުށަހެޅުއްވި މި ޕެޓިޝަނުގައި ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 84 ލީގަލް އޮފިސަރުން ވަނީ ސޮއިކޮށްފައެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅީ، ސިވިލް ސާވިސްގެ މުސާރަތައް އެއްހަމަކުރުމުގެ ނަމުގައި ގެނައި ބަދަލުތަކުގެ ތެރެއިން ކައުންސިލްތަކުގެ ލީގަލް އޮފިސަރުންނަށް ކުރިން ލިބެމުން އައި 19،167 ރުފިޔާގެ މުސާރަ 18،920 ރުފިޔާއަށް ދަށްވުމާ ގުޅިގެންނެވެ. ސިވިލް ސާވިސްގެ އެހެން ލީގަލް އޮފިސަރުންގެ މުސާރައަށް ކުޑަ ކުރިއެރުމެއް ލިބުނު ނަމަވެސް، މުޅި އޮނިގަނޑު ބައްޓަންކޮށްފައިވާ ގޮތުން ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން، ލީގަލް އޮފިސަރުންނަށް "ނޮން-ޕްރެކްޓިސް އެލަވަންސް" ކަނޑައަޅާފައި ނުވުމާއި، މުވައްޒަފުންގެ ޚިދުމަތުގެ މުއްދަތާއި ތަޖުރިބާއަށް ބިނާކޮށް ދޭންޖެހޭ "ސްޓެޕް އެލަވަންސް" ނުލިބޭކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އައު އޮނިގަނޑުގައި ލީގަލް އޮފިސަރުންގެ ރޭންކް ދަށްކޮށްފައި ވަނީ އެ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި އުފުލަންޖެހޭ ޒިންމާތަކާ ނުބައްދަލު މިންވަރަކަށް ކަމަށް ބުނެ، އެއީ ބޭއިންސާފެއް ކަމަށް ވެސް މި ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ