ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ޑިޕްލޮމާއާއި ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ކިޔަވާ ދަރިވަރުން، އެހެން ފަރާތްތަކުގެ ފިކުރީ މަސައްކަތްތައް ނަކަލުކުރުމާއި ޖެނެރޭޓިވް އޭއައި ފަދަ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވައި، ސަނަދުތަކުގެ ފެންވަރު ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މި މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު ވަނީ، މިކަންކަން ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ފޮނުއްވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
މެންބަރު ކުޑޫ ފާހަގަކުރެއްވި ގޮތުގައި، ޒަމާނީ ޓެކްނޮލޮޖީއާއެކު އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ފަހިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުގެ ދޮރު ދަރިވަރުންނަށް ހުޅުވިފައިވީ ނަމަވެސް، އޭގެ ސަބަބުން ތައުލީމީ ނަޒާހާތްތެރިކަމާ ގުޅޭ ބޮޑެތި މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ. ޚާއްސަކޮށް އޮންލައިންކޮށް ބާއްވާ އިމްތިހާނުތަކާއި ހަވާލުކުރެވޭ އެސައިންމަންޓްތަކުގައި، އުޖޫރަ ދީގެން އެހެން މީހުން ލައްވާ މަސައްކަތްކުރުވުމާއި، ހުއްދަނޫން ގޮތްގޮތަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މަސައްކަތްތައް ނިންމާކަމުގެ ޝަކުވާތައް އިތުރުވެފައިވާކަން މެންބަރުގެ ހުށަހެޅުއްވުމުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވަމުން މެންބަރު ވިދާޅުވެފައިވަނީ، މިފަދަ ގޮތްގޮތަށް މަކަރު ހަދައިގެން ކޯސްތަކުން ފާސްވުމުގެ ފުރުސަތު އޮތްއިރު، އެކަން ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ނުވަތަ އެކަން ބެލޭނެ މިންގަނޑެއް ގާއިމުކުރެވިފައި ނެތް ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބުރަ މަސައްކަތުން ކިޔަވާ އިޚުލާސްތެރި ދަރިވަރުން ހާސިލުކުރާ ސަނަދުގެ އަގު ވެއްޓި، ވަޒީފާ ދޭ ފަރާތްތަކުން ރާއްޖޭގެ މަތީ ތައުލީމުގެ ސަނަދުތަކަށް ކުރާ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު މެންބަރު ވަނީ ދެއްވާފައެވެ. އަދި މިފަދަ ޝަކުވާތަކާ ގުޅިގެން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކަށީގެންވާ ވަގުތުގައި ޖަވާބުދާރީ ނުވުމާއި، ފެންވަރު ހިފެހެއްޓުމުގައި އިހުމާލުތަކެއް ހުރިކަންވެސް މެންބަރުގެ ކަރުދާހުގައި ފާހަގަކުރައްވާފައިވެއެވެ.
މިކަން ހައްލުކުރުމަށްޓަކައި ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް، ކޯސްތައް ހިންގާ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ޒިންމާދާރުކަމާއެކު އަމަލުކުރާނެ ގޮތްތަކާއި، ރެގިއުލޭޓަރީ އިދާރާތަކުން ބަލަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް މެންބަރު ވަނީ ގޮވާލައްވާފައެވެ. ރައްޔިތުންގެ މަޖިލީހުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފިނަމަ، ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ދިވެހި ސަނަދުތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބިފައިވާ އިތުބާރު ދެމެހެއްޓިގެންދާނެ ކަމަށް މެންބަރު ކުޑޫ ހުށަހެޅުއްވި ކަރުދާހުގައި ވެއެވެ.
ކޮމެންޓު ފޮނުވާ