ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގަމުން އަންނަ ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، ފާއިތުވި އަހަރު ބޮޑުތަނުން ދަށަށް ގޮސްފައިވާކަން ޓެކްސް އިދާރާ (މީރާ) ގެ ހިސާބުތަކުން ދައްކައިފިއެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ލިބިފައިވަނީ 5.9 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 9.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު 35 އިންސައްތައިގެ ދަށްވުމެކެވެ.
ތިމާވެށި ހިމާޔަތްކުރުމަށާއި އާންމުން ޕްލާސްޓިކް ކޮތަޅަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަގުސަދުގައި ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ނަގަން ފެށީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. މި ފީ ނަގަން ފެށި އަހަރު، އެހެން އަހަރުތަކާ އަޅާބަލާއިރު ދައުލަތަށް ރެކޯޑު އަދަދަކަށް އާމްދަނީ ލިބިފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރު ޖުމްލަ 12.6 މިލިއަން ރުފިޔާ ލިބުނުއިރު، އެ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރުގެ އާމްދަނީ ވަނީ 53 އިންސައްތަ ދަށަށް ގޮސްފައެވެ.
މި އާމްދަނީ ދަށްވުމުގެ މައިގަނޑު އެއް ސަބަބަކީ، ފީ ނަގަން ފެށުމާއެކު އާންމުންގެ އާދަކާދައަށް އައި ބަދަލުތަކެވެ. ކުރިން ހިލޭ ލިބެމުން އައި ކޮތަޅު ގަންނަން ޖެހުމުން، ގިނަ ބަޔަކު ކޮތަޅު ގަތުން މަދުކޮށް، ފޮތި ކޮތަޅު ފަދަ ތަކެތި ބޭނުންކުރުން ވަނީ އިތުރުވެފައެވެ. ހަމައެއާއެކު، ވިޔަފާރިތަކުން ވެސް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ނުވަތަ އެހެނިހެން މެޓީރިއަލްތައް ބޭނުންކުރުން ވަނީ އިތުރުކޮށްފައެވެ. މިއީ ސީދާ ޕްލާސްޓިކް މަދުކުރުމަށް އެޅި ފިޔަވަޅުގެ ހެޔޮ ނަތީޖާއެއް ކަމުގައި ބެލެވެއެވެ.
ނަމަވެސް، ޕްލާސްޓިކް ކޮތަޅުގެ އާމްދަނީ ދަށްވުމުގައި ގާނޫނީ އަދި އިދާރީ ހުރަސްތަކެއް ވެސް އެބަހުއްޓެވެ. ކޮތަޅުން ފީ ނެގުމުގެ ގާނޫނު އޮތްގޮތުން، ކޮންމެ ވިޔަފާރިއަކުން ކަސްޓަމަރުންގެ އަތުން 2 ރުފިޔާ ނެގި ނަމަވެސް، އެ ފައިސާ މީރާއަށް ދައްކަން ޖެހެނީ ހަމައެކަނި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުންނެވެ. ޖީއެސްޓީއަށް ރަޖިސްޓްރީ ނުކުރާ ކުދި ވިޔަފާރިތަކުން ކަސްޓަމަރުން އަތުން ފީ ނެގި ނަމަވެސް، އެ ފައިސާ ދައުލަތަށް ނުވަތަ މީރާއަށް ދެއްކުމުގެ ޒިންމާއެއް ގާނޫނުން މަތިކޮށްފައެއް ނުވެއެވެ. އެހެންކަމުން، މީރާއަށް ލިބޭ އާމްދަނީ ދަށްވަމުންދަނީ ހަމައެކަނި ކޮތަޅު ބޭނުންކުރާ ވަރު މަދުވެގެން ނޫންކަމާއި، ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން ކޮތަޅު ވިއްކާ މިންވަރު ދަށްވުމަކީ ވެސް އޭގެ ސަބަބެއްކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ