ފްލެޓާއި ގޯތި ދޫކުރުމުގައި ހާއްސައެހީ ބޭނުންވާ ފަރާތްތަކަށް އިސްކަން ދިނުމަށް ނިންމައިފި

ފްލެޓާއި ގޯތި ދޫކުރުމުގައި ހާއްސައެހީ ބޭނުންވާ ފަރާތްތަކަށް އިސްކަން ދިނުމަށް ނިންމައިފި

Author
ހުސައިން
29 ޑިސެމްބަރ 2025 11:55
0

މާލެ ސަރަހައްދުން ދިރިއުޅުމަށް ގޯތިތަކާއި ފްލެޓްތައް ދޫކުރާއިރު ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށާއި އަލަށް ކައިވެނިކުރާ ޒުވާނުންގެ އާއިލާތަކަށް އިސްކަން ދިނުމަށް ސަރުކާރުން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ބުނެފައެވެ.

އިސްކަން ދެވޭ ފަރާތްތަކުގެ ތެރޭގައި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި އެފަދަ ފަރާތްތައް ބަލަހައްޓާ މީހުންނާއި، އަލަށް ކައިވެނިކުރާ ޒުވާން އާއިލާތަކާއި، މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި، މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް ހިމެނެއެވެ.

އޭގެ އިތުރުން މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތަކާއި، ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއުން ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބިފައިވާ ނަމަވެސް އަދި ފްލެޓް ހަވާލުކޮށްފައިނުވާ ފަރާތްތަކަށް ވެސް އިސްކަން ދެވޭނެއެވެ. ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތަކަށް ވެސް އިސްކަން ދެވޭނެއެވެ.

އުސޫލުގައިވާ ގޮތުން ހާއްސަ އިސްކަންދޭ ކެޓަގަރީއަށް ކަނޑައަޅައިފައިވާ ފްލެޓްތައް ފިޔަވައި އެހެން ފްލެޓްތައް ކަނޑައަޅާނީ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ އުސޫލުން ކަމަށާއި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ އަދަދާއި ހައުސިން ޔުނިޓްތަކުގެ އަދަދަށް ރިއާޔަތްކޮށްގެން ހަވާލުކުރާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.