ކޭ ޕާކް މައްސަލައިގައި މަންޑޭގެ ހުކުމް ފަސްކޮށްފި

ކޭ ޕާކް މައްސަލައިގައި މަންޑޭގެ ހުކުމް ފަސްކޮށްފި

Author
ޙަސަން މުޙައްމަދު
25 ޑިސެމްބަރ 2025 03:49
0

ކޭ ޕާކް ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ނެގިކަމަށް ތުހުމަތުކުރެވޭ ހަސަން މަމްދޫހު (މަންޑޭ) މިއަދު ކޯޓަށް ހާޒިރުނުވުމުން އޭނާގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވުން އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފިއެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވީ މަންޑޭގެ ފަރާތުން ޝަރީއަތް ފަސްކުރުމަށް "މާތްﷲއަށްޓަކައި ވެސް" އެދުނު ކަމަށެވެ. ނަމަވެސް ޝަރީއަތް އޮންނާނެކަން އަންގާފައިވާތީ، ކޯޓަށް ހާޒިރުނުވާ މީހުންނާ މެދު އަމަލުކުރާ އުސޫލުން މަންޑޭއާ މެދު އަމަލުކުރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި މަންޑޭއާ އެކު ދައުވާ އުފުލާފައިވާ ޖައިޝާން ސައީދުގެ މައްޗަށް އޮޅުވާލުމުގެ ދައުވާ މިއަދު ސާބިތުވުމާއެކު ހުކުމް ނިމެންދެން އޭނާ ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ. ކޭ ޕާކް މަޝްރޫއު ހަދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ހުންނަވައި މަންޑޭ ވަނީ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލާފައި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެއެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ މަންޑޭއަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. މިދިޔަ ޖޫން މަހު ވެސް އޭނާ ކޯޓަށް ހާޒިރުނުވުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި ނަމަވެސް ފަހުން ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.