ރާއްޖޭގައި ލޭ ހޯދުމަށް ކުރިމަތިވާ ހުރަހަށް ހައްލު ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ. ބޮޑެތި ބަލިތަކަށް އަދި ކުއްލި ފަރުވާ ބޭނުންވާ ރައްޔިތުންނާއި ތެލަސީމިއާ ފަދަ ދާއިމީ ބަލިތަކުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ލޭ ހޯދަން މިހާރު ދަތިވާކަން މި ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. މި މައްސަލަ ބޮޑުވުމުގެ ބައެއް ސަބަބުތަކުގެ ގޮތުގައި ސެންޓްރަލް ބްލަޑް ބޭންކުން 24 ގަޑިއިރު ހިދުމަތް ނުދެވުމާއި އަމިއްލައަށް ލޭ ހަދިޔާކުރާ މީހުން ތަރުބިއްޔަތު ކުރުމުގެ ގައުމީ ޕްލޭނެއް ނެތުމާއި ލޭ ހަދިޔާކުރާ މީހުން ރަޖިސްޓަރީ ކުރުމުގެ އިންތިޒާމް ނެތުން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އަދި ސްކޫލުތަކުގައި ލޭ ހަދިޔާކުރުމުގެ މުހިންމުކަން ކިޔައިނުދިނުމާއި ލޭ ހަދިޔާކުރުމުގެ ކޭމްޕްތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ނުގެންދެވުމާއި ރޯގާތައް ފެތުރޭ ދުވަސްވަރު އަދި ރޯދަމަހާއި ސްކޫލު ޗުއްޓީގައި ލޭ ލިބުން ދަތިވުމަކީވެސް މި މައްސަލައަށް ސަބަބުތަކެއް ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ