މާލީ ބަޔާން ހުށަހެޅުމުގެ ނިޒާމު ހަރުދަނާކުރަން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި

މާލީ ބަޔާން ހުށަހެޅުމުގެ ނިޒާމު ހަރުދަނާކުރަން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި

Author
އަހުމަދު
22 ސެޕްޓެމްބަރ 2025 09:19
0

ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން ހާމަކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް މުހިންމު އިސްލާހުތަކެއް ހުށަހަޅުއްވައިފި އެވެ.

މިހާރު އަމަލުކުރަމުންދާ ގަވާއިދުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅަންޖެހެނީ އިންތިހާބުވެ ހުވާކުރާތާ އެއް އަހަރު ފަހުންނެވެ. ނަމަވެސް އެމްޑީޕީގެ މެންބަރު ކުޑޫ ފާހަގަކުރެއްވި ގޮތުގައި މިއީ އެކަށީގެންވާ އުސޫލެއް ނޫނެވެ. މެންބަރުން ދައުރު ފެށުމުގެ ކުރިން އެ ބޭފުޅުންގެ މިލްކިއްޔާތުގައި ހުންނަ މުދަލާއި، މަސްލަހަތު ފުށުއަރާ ވިޔަފާރިތައް ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭ ކަމަށް ކުޑޫ ވިދާޅުވި އެވެ.

ހުށަހެޅުއްވި އިސްލާހުގެ ދަށުން މަޖިލީހުގެ މެންބަރުން މަގާމުގެ ހުވާކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަންޖެހޭނެ އެވެ. މި ބަޔާނުގައި އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާ، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނީގެ ތަފްސީލު ހިމަނަންޖެހޭނެ އެވެ. މީގެ އިތުރުން މި ބަޔާނަކީ ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓްސް އިންސްޓިޓިއުޓުން ލައިސަންސް ލިބިފައިވާ އޮޑިޓަރަކު ވެރިފައިކޮށްފައިވާ ބަޔާނަކަށް ވާންޖެހޭނެ ކަމަށް ކުޑޫ ހުށަހެޅުއްވި އެވެ.

މިނިސްޓަރުންގެ މާލީ ބަޔާން ހުށަހެޅުމާ ގުޅޭ ގޮތުން މިހާރު ވަކި މުއްދަތެއް ކަނޑައެޅިފައި ނެތްކަން ފާހަގަކުރައްވާ ކުޑޫގެ އިސްލާހުގައި ވަނީ، މިނިސްޓަރުން ވެސް މަގާމުގެ ދައުރު ފަށާއިރު އެ ބޭފުޅުންގެ މާލީ ހާލަތު ހާމަކުރަންޖެހޭނެ ކަމަށެވެ. އަދި ކޮންމެ އަހަރަކު އެއްފަހަރު މުދަލާއި ފައިސާގެ ބަޔާން ރައްޔިތުންގެ މަޖިލީހާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ. ކަނޑައެޅޭ މުއްދަތުގައި ބަޔާން ހުށަނާޅައިފިނަމަ، ލަސްވާ ކޮންމެ ދުވަހަކަށް އެ މިނިސްޓަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑޭނެ އެވެ.

މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބޭ ބޭފުޅުން ވެސް މަގާމާ ހަވާލުވާތާ އެއް އަހަރުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ ތެރެއިން ޗެއަރމަނުންނާއި، ޗީފް އޮޕަރޭޓިން އޮފިސަރުންނާއި، މެނޭޖިން ޑިރެކްޓަރުންނާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މަގާމުތަކާ ހަވާލުވާ ފަރާތްތަކުން ވެސް މާލީ ބަޔާން ހުށަހަޅަންޖެހޭނެ އެވެ. އެ ބޭފުޅުން ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހަޅަންޖެހޭނެ އެވެ. މި އެންގުމާ ހިލާފުވާ ފަރާތްތައް 5000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ކުޑޫގެ އިސްލާހުގައި ހިމަނާފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.