ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަށް އަހަރެއް ފުރިހަމަވެ، އިންސާފު ލިބިފައި ނުވާތީ އެ ރަށުގެ ރައްޔިތުން މިއަދު މުޒާހަރާއެއް ބާއްވައިފިއެވެ.
ހޮޅުދޫގެ ގިނަ ރައްޔިތުން ބައިވެރިވި މި މުޒާހަރާގައި ޒަކިއްޔާގެ ގާތިލުން ވަގުތުން ހައްޔަރުކޮށް، މައްސަލައިގެ އިންސާފު އަވަސްކޮށްދިނުމަށް ހަރުކަށި އަޑުން ގޮވާލައިފައިވެއެވެ. މީގެ އިތުރުން މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ދެއްކި އިހުމާލުގެ ސަބަބުން، އެކަމާ ގުޅުންހުރި ފުލުހުންތަކެއް ވެސް ހައްޔަރުކުރުމަށް މުޒާހަރާގެ ބައިވެރިން އެދިފައިވެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމާއެކުގައެވެ. ޑިސެމްބަރު 3 ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، ޒަކިއްޔާގެ ހަށިގަނޑުގެ އެހެން ހިސާބަކުން އަނިޔާގެ އަލާމާތެއް ނުފެންނަ ކަމަށާއި، އޭނާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅީގައާއި އޭނާ ލައިގެން އޮތް ހެދުމުގައި ގިނަ އަދަދަކަށް ލޭ ހުރި ކަމަށެވެ.
ފުލުހުންގެ ބަހުން ޒަކިއްޔާގެ ކަރުގައި ފުން ޒަހަމުތަކެއް ހުރި ނަމަވެސް، މީހަކު ގަސްދުގައި އޭނާ މަރައިލި ކަމަށް ބެލޭނެ ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް މި ބަޔާނާ ދޭތެރޭ ރައްޔިތުން ސުވާލު އުފައްދަމުން އަންނައިރު، މައްސަލައިގެ އިންސާފު ލިބޭނެ ކަމާ މެދު ޝައްކު ކުރެއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން އިހުމާލުވި ކަމަށް ބުނެ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މިދިޔަ މަހުގެ ކުރީކޮޅު ފުލުހުންތަކެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިފައިވެއެވެ. ކޮމިޝަނުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ގޮތަކަށް އަމަލުކުރުމާއި، އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމާއި، ދައުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހިމެނެއެވެ. އެކަމަކު މި ތުހުމަތުތައް ކުރަނީ ކޮން އަސާސެއްގެ މައްޗަށް ކަން ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އިންޓެގްރިޓީ ކޮމިޝަނުން ފޮނުވި މައްސަލަ ދިރާސާކުރަމުން ގެންދާ ކަމަށާއި، ކޮމިޝަނާ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. މި މައްސަލަ ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން އިތުރަށް ތަހުގީގު ކުރަމުން ގެންދާ އިރު، ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މައްސަލަ ބަލަމުން ގެންދާ ކަމަށް ވަނީ ހާމަކޮށްފައެވެ.
މިއަދުގެ މުޒާހަރާގައި ޒަކިއްޔާގެ ޢާއިލާގެ މެމްބަރުން ބައިވެރިވި އިރު، އަހަރެއް ވީއިރުވެސް އިންސާފު ނުލިބުމުން ދިމާވި ހިތާމައާއި ނިކަމެތިކަން ފާޅުކޮށްފައިވެއެވެ. މުޒާހަރާގެ ބައިވެރިން ގޮވާލައިފައިވަނީ މި މައްސަލައިގެ ހަގީގަތް ހޯދައި، ޒިންމާދާރު ފަރާތްތައް ޝަރީޢަތަށް ގެނެސް، ޒަކިއްޔާގެ ޢާއިލާއަށް އިންސާފު ހޯދައިދިނުމަށެވެ.
ކޮމެންޓު ފޮނުވާ